ޑިމޮކްރެޓިކް އުސޫލަކީ ވެރިކަން ފުރޮޅާލުމުގެ ފަސޭހަތައް ދެން އޮތް ފަރާތަކަށް ދިނުން ކަމުގައި ރައްޔިތުންގެ މަޖިލިހުގެ މެދުހެންވޭރު ދާއިރާގެ ޑިމޮކްރެޓްސް މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އަލީ އާޒިމް މިފަދައިން ވިދާޅުވީ ރައީސުލް ޖުމްހޫރިއްޔާ، ތިން ގައުމަކަށް ސަފީރުން އައްޔަންކުރަން މަޖިލީހަށް ނަންތަކެއް ފޮނުއްވާފައިވާ މައްސަލައިގައި ވާހަކަ ދައްކަވަމުންނެވެ.

ވެރިކަން ފުރޮޅާލުމުގެ މަސައްކަތްތައް ކުރަމުންދާ އިންތިޤާލީ މަރުހަލާގައި މަގާމުތަކަށް މީހުން އައްޔަނު ނުކުރުމަށް އިންތިހާބީ ރައީސް އެދިވަޑައިގެންފައިވާ މައްސަލައަށް އިޝާރާތް ކުރައްވައި އާޒިމް ވަނީ މިކަން ހުއްޓުވުމަށް އަމުރެއް ނެރުމަށް ގޮވާލައްވާފައެވެ.

"މިއީ ދުނިޔޭގެ އެހެން ޑިމޮކްރެޓިކް ޤައުމަކުންވެސް ކަންކުރާ ގޮތެއް ނޫން. އިންތިޚާބަކުން ބަލިވީމާ ދެން އޮންނާނެ ގޮތަކީ ރީތިކޮށް ވެރިކަން ފުރޮޅާލުން. ނޫނީ ބަދަލުކުރުމުގެ ފަސޭހަތައް ދެން އަންނަން އޮންނަ ފަރާތަކަށް ދިނުން. އެނގިވަޑައިގަންނަވާނެ މިހާރުގެ އިންތިޚާބީ ރައީސް ރައީސުލްޖުމްހޫރިއްޔާއަށް ފޮނުއްވާފައިވާ ސިޓީފުޅުގައި އެބައޮތް 7 ކަމެއް ނުކުރުމަށް ކަނޑައެޅިގެން އެފިފައި. ޤާނޫނު އަސާސީގެ 94 ވަނަ މާއްދާގައި އެބައޮތް އަޅުގަނޑުމެން ރައްޔިތުންގެ މަޖިލީހަށް ކުރެވިދާނެ ކަމެއްގެ ވާހަކަ. އަޅުގަނޑުމެން އެބަޖެހޭ އަމުރެއް ނެރެން މިފަދަ ކަންކަން ނުކުރުމަށް. ސަރުކާރަށް މިކަން ނުކުރުމަށް މި ރައްޔިތުންގެ މަޖިލީހުގެ ޒިންމާއަކަށް ވާތީ އަޅުގަނޑު ދަންނަވަން." އާޒިމް ވިދާޅުވިއެވެ.

ޢަލީ އާޒިމްގެ އިތުރަށް ޑިމޮކްރެޓްސް ޕާޓީ ތަމްސީލުކުރައްވާ މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު (ބޮންޑެ) ވެސް ވަނީ އައު ސަފީރުން އައްޔަންކުރައްވަން އުޅޭތީ، އެކަމާއި ނުރުހުން ފާޅުކުރައްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން