އިސްރާއީލުުން ދެމުންގެންދާ ލާއިންސާނީ ހަމާލާތަކުގައި ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ފައިސާ ހޯދުމަށް ރާއްޖޭގެ މީޑިއާތަކުން ގުޅިގެން ޓެލެތޯނެއް ކުރިއަށްގެންދިއުމަށް ނިންމައިފިއެވެ.

ފަލަސްތީނުގެ ރައްޔިތުންނަށް އެހީވާން ޓެލެތޯނެއް ބޭއްވުމުގައި އިސްކޮށް ހަރަކާތްތެރިވަނީ އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އެވެ.

އެ ޖަމުއިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޖަމިއްޔާގެ ވައިސް ޗެއާމަން އާދަމް ނާއިފް ވިދާޅުވީ ޓެލެތޯންއަކީ މީޑިއާތަކުގެ އިސްނެގުމަށް ބާއްވާ ޓެލެތޯނެއް ކަމަށެވެ. އަދި އެ ޓެލެތޯން ހުކުރު ދުވަހުން ފެށިގެން އަންގާރަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.



ޓެލެތޯންގެ ތެރެއިން ގިނަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހުގެ ހުކުރު ނަމާދުގެ ކުރިން މާލޭ ސަރަހައްދުގެ ހުރިހާ މިސްކިތްތަކެއްގެ ބޭރުގައި ފަންޑު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް އެ ޖަމުއިއްޔާއިން ބުނެއެވެ. އަދި ރަށްރަށުގެ މިސްކިތްތަކުގައި ވެސް އެ ރަށްރަށުން އިސްނަގައިގެން ފަންޑު ފޮށި ބަހައްޓަން އެ ޖަމިއްޔާއިން ވަނީ އެދިފައެވެ.

ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމަށް ބާއްވާ އެހެން ހަރަކާތްތަކުގެ ތެރޭގައި ހުކުރު ދުވަހު ހަވީރު އަންހެނުންގެ އެއްވުމެއް މުޅި ރާއްޖޭގައި ބޭއްވުމާއި ހޮނިހިރު ދުވަހުގެ ރޭ އާޓިފިޝަލް ބީޗުގައި ހިމޭން އިހްތިޖާޖެއް ކުރިއަށް ގެންދިއުން ހިމެނެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އިން ވަނީ ފަލަސްތީނާއެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމަށް ބާއްވާ ހަރަކާތްތަކުގައި ވީހާވެސް ގިނަ ދިވެހިން ބައިވެރިވުމަށް އެދިފައެވެ.

މީގެކުރިންވެސް ރާއްޖޭގައި ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެހީވުމަށް ޓެލެތޯންތަކާއި އެހެނިހެން ހަރަކާތްތައް ބާއްވާފައެވެ. އަދި އެ ހަރަކާތްތަކުން އެތައް މިލިއަން ރުފިޔާއެއްގެ އެހީ ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން