ޒަހީނުއްދީން ސަޢީދު   12 އޮކްޓޯބަރު 2023 - 3:37
ޕާސްޕޯޓް ގެއްލުމުން އަލުން ޕާސްޕޯޓް ހެއްދުމަށް ނަގަމުން އައި ޖޫރިމަނާ 2،000ރ. އަށް ވުރެ ބޮޑު ނުވާ ގޮތަށް ހަދަން ނިންމައިފިއެވެ.

ޕާސްޕޯޓް ހެއްދުމަށް ނަގަމުން އައި ޖޫރިމަނާ 2،000ރ. އަށް ކުޑަކޮށްފައިވަނީ ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދުގައެވެ. އެ ގަވާއިދު ސަރުކާރުގެ ގެޒެޓްގައި މިހާރު ވަނީ ޝާއިއުކޮށްފައެވެ.

ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދުގައި ބުނެފައިވަނީ ޕާސްޕޯޓު ގެއްލުނީ އިހުމާލުން ނޫންކަން އެނގޭ ޕޮލިސް ރިޕޯޓަކާ އެކު ހުށަހެޅުމުން 2،000ރ. އަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރާނެ ކަމަށެެވެ. އަދި ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ ޖޫރިމަނާއެއް ނުނަގާ ގޮތަށް އާ ގަވާއިދުގައި ވަނީ ހިމަނާފައެވެ.

އާ ގަވާއިދުގައި ބުނެފައިވަނީ ޕާސްޕޯޓުގެ މައްސަލައެއްގައި ކޮށްފައިވާ ޖޫރިމަނާއެއް އެ ވަގުތު ދެއްކެން ނެތް ނަމަ އިމަޖެންސީ ހާލަތުގައި ރާއްޖެއިން ބޭރަށް ފުރާއިރު ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ދަތުރުކުރުމުގެ ވަގުތީ ލިޔުން ދޫކުރާނެ ކަމަށެވެެ.

އަދި 18 އަހަރުން ދަށުގެ ކުދިންނާއި ދިގު މުއްދަތަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހިއްސުގެ ނުވަތަ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމަކީ އެ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިންގެ ޒިންމާއެއް ކަމަށް ގަވާއިދުގައި ވަނީ ބުނެފައެެވެ.

އެއް ޕާސްޕޯޓަށްވުރެ ގިނަ ޕާސްޕޯޓް ދޫކުރެވޭނެ ހާލަތްތަކާއި އޮފިޝަލް ޕާސްޕޯޓް އަދި ޑިޕްލޮމެޓިކް ޕާސްޕޯޓް ދޫކުރުމާއި އެއާ ގުޅޭ އެކި ކަންކަން ވެސް އާ ގަވައިދުގައި ވަނީ ބަދަލު ގެެނެސްފައެވެ.

މީގެ ކުރިން ޕާސްޕޯޓު ގެއްލިއްޖެ ނަމަ 5،000ރ. އާއި 20،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރެއެވެ. އެއީ ފުރަތަމަ ފަހަރު 5،000ރ. އަދި ދެވަނަ ފަހަރު 10،000ރ. އަދި ތިން ވަނަ ފަހަރު 20،000ރ. އެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން