ވެރިކަން ބަދަލުވުމުގެ މަރުހަލާގައި އެމްޑީޕީން ދައްކަމުން ގެންދަނީ ތާރިޚީ ނަމޫނާ އެއް ކަމަށް ވިލިނގިލީ ދާއިރާގެ މެންބަރު ސައުދު ޙުސައިން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ބުދަ ދުވަހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ މެމްބަރު އަދި ވިލިނގިލީ ދާއިރާގެ މެމްބަރު ސަޢުދު ޙުސައިން ވިދާޅުވީ ވެރިކަން ބަދަލުވުމުގެ މަރުހަލާގައި ނުވަތަ ޓްރާންސިޝަން ޕީރިއަޑްގައި އެމްޑީޕީން މިއަދު ދައްކަމުން ގެންދާ ނަމޫނާ އަކީ ތާރިޚީ ނަމޫނާ އެއް ކަމަށެވެެ. އަދި ޓްރާންސިޝަން ޕީރިއަޑްގައި ސަރުކާރުން އަމަލުކުރަމުން ގެންދާ ގޮތަށް އިދިކޮޅު ފަރާތްތަކުން ފާޑުވިދާޅުވަމުން ގެންދަވާއިރު، އެވާހަކަ ދައްކަން އެ ފަރާތްތަކުން މިއަދު ލަދު ގަންނަންޖެހޭނެ ކަމަށް ސައުދު ވިދާޅުވިއެވެ.

އެގޮތުން 2018 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިހާބު ނިމި އާ ސަރުކާރު ވެރިކަމާއި ހަވާލުވުމާއި ހަމަޔަށް އޭރުގެ ސަރުކާރުން ކަންތައްތައް ކުރި ގޮތާއި މެދު ރައްޔިތުން މިއަދު ހެކިވާނެ ކަމަށް ސަޢުދު ވިދާޅުވިއެވެ.

"ރައީސުލްޖުުމުހޫރިއްޔާ ހުވާކުރަމުން ގެންދިޔަ އިރުވެސް ދިޔައީ ކޮންޓެރްޓް ތަކުގައި ސޮއިކުރަމުން، އެއްބަސްވުންތަކުގެ ސޮއިކުރަމުން. ދައުލަތް ބަހާ ހުސްކުރަމުން ދިޔައީ. މިއަދު ކިހިނެއްތޯ މިވަނީ، ޒަމާން ބަދަލުވެއްޖެ. އެމްޑީޕީން މި ދައްކަމުން ގެންދާ ނަމޫނާ އެއް ދައްކާނެ ޕާޓީއެއް ދިވެހިރާއްޖެއަށް އުފަންނުވާނެ. ދައްކަބަލަ، ނޯންނާނެ،" ކުރިން އިދިކޮޅު ޕީޕިއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވި ސައުދު ވިދާޅުވިއެވެ.

މީގެ އިތުރުން ސައުދު ވިދާޅުވީ ހެޔޮވެރިކަމުގެ ސިއްކަ ދައުލަތުގައި ޖައްސަވައިދެއްވި ހަމައެކަނި ވެރިއަަކީ ރައީސް އިބްރާހިމް މުޙައްމަދު ސާލިޙު ކަމަށެވެ. އެމަނިކުފާނުގެ ލީޑަރޝިޕްގެ ދަށުން އެމްޑީޕީ ކުރިއަށް އޮތްތާގައި މާ ވަރުގަދަކޮށް ނުކުންނާނެ ކަމަށް ސައުދު ވިދާޅުވިއެވެ.

"އެމްޑީޕީ ކުރިއަށް އޮތްތަނުގައި މާ ވަރުގަދަކޮށް ނުކުންނާނެ، ހުރިހާ ޑިކްޓޭޓަރުން މިއަދު އެއް ފުރާޅެއްގެ ދަށަށް ވަދެ އެއްގަހެއްގެ ހިޔާ ދަށަށް ވަދެ އެ ތިބީ ހުރިހާ ޑިކްޓޭޓަރުން" ސައުދު ވިދާޅުވިއެވެ.

މިހާރު ކުރިއަށްދާ އިންތިގާލީ މަރުހަލާއާ ގުޅިގެން އިންތިޚާބީ ރައީސް ޑރ. މުއިއްޒުވަނީ ސަރުކާރުގެ ކިބައިން ހަތް ކަމެއް މަޑުޖައްސައިލުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުޙައްމަދު ސާލިޙަށް ސިޓީފުޅެއް ފޮނުއްވާފަައެވެެ. އެހެން ނަމަވެސް މިހާރުގެ ސަރުކާރުން ރައްޔިތުންނަށްޓަކައި ކޮށްދެމުން އަންނަ ކަންކަން ހުއްޓާލަން އެންގުމުގެ ބާރު ގާނޫނީގޮތުން އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާއަށް ނޯންނާނެ ކަމަށް އެޓާނީ ޖެނެރަލް އިބްރާހީމް ރިއްފަތު ވަނީ ވިދާޅުވެފައެވެެ.

ބަންޑާރަ ނައިބު ވިދާޅުވީ އަލަށް އިންތިޚާބުވާ ރައީސުލްޖުމްހޫރިއްޔާއެއް އޭރަކު އޮންނަ ސަރުކާރެއްގައި ވަކި ކަންތައްތަކަކަށް އެދިވަޑައިގަތުމުން އިޖާބަ ދިނުމަކީ ޑިމޮކްރަޓިކް މުޖުތަމައުތަކުގައި އޮންނަ އުސޫލެއް ކަމަށެވެ. އެކަމަކު އެކަމަށް އިޖާބަ ދޭންވާނީ ދެމިއޮންނަ ސަރުކާރަކުން ރައްޔިތުންނަށްޓަކައި ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ކުރަން ޖެހޭ މަސައްކަތްތަކަށް ބުރޫ ނާރާނެ ގޮތަށް ކަމަށް ބަންޑާރަ ނައިބު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން