އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރިޔާސީ ދެވަނަ ދައުރަކަށް ކުރިމަތިލައްވާނެ ކަމުގެ އިޝާރަތެއް ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަޙީމް އަބްދުﷲ މިއަދު ދެއްވައިފިއެެވެ.

އިންތިހާބީ ރައީސްގެ އިންތިގާލީ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ މަލްޓިޕާޓީ ޑިމޮކްރަސީ އައި ފަހުން ކޮންމެ ފަސްއަހަރަކުން އެއްފަހަރު ސަރުކާރު ބަދަލުވަމުންދާކަމަށެވެ. ރާއްޖެ ކަހަލަ ކުޑަ ޖަޒީރާ ގައުމެއްގެ ހުރިހާ ރަށެެއްގެ ރައްޔިތުން ބޭނުންވާ ތަރައްގީ ގެނައުމަށް ފަސްއަަހަރުގެ ދައުރެއް މަދު ކަމަށް އަބުދުއްރަހީމް ވިދާޅުވިއެވެ.

ރާއްޖޭގައި ކާމިޔާބު ސަރުކާރެއް ހިންގައި ތަރައްގީ އަންނާނީ އެއް ސަރުކާރެއް އެއް ފިކުރެެއް 10 އަހަރަށް ދެމިގެން ގޮސްގެން ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެންގެ ވިސްނުމަކީ އިރާދަކުރެއްވިއްޔާ ކާމިޔާބު ފަސްއަހަރުގެ ވެރިކަމަކަށްފަހު އަނެއްކާ އިތުރު ފަސްއަހަރަކަށް ޑރ. މުއިއްޒު މި ރާއްޖޭގެ ވެރިކަމަށް ގެނައުން،" ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރުކަން ވެސް ކުރެއްވި އަބުދުއްރަހީމް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ރިޔާސީ ދެވަނަ ދައުރަކަށް މުއިއްޒު ކުރިމަތިލައްވާނީ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްފަހު ކަމަށެވެ. ރައްޔިތުން އެދޭގޮތަށް ތަރައްގީ ގެނެސްދެއްވާނެކަމަށް ޑރ. މުއިއްޒު ވިދާޅުވި ކަމަށާއި އަދި އެކަން ރައްޔިތުންވަނީ ގަބޫލުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ވެރިކަމަށް މި އަންނަނީ ބާރު ސްޕީޑުގައި ތަރައްގީގެ މަސައްކަތްތައް ކުރިއަށް ގެންދަން ކަމަށް އަދުރޭ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން