އެމެރިކާއާއި އެކު އޮންނަ ގުޅުން އިތުރު ހަރުފަތަކަށް ގެންދަވާނެ ކަމުގައި އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ،މުޢިއްޒު މިފަދައިން ވިދާޅުވީ އެމަނިކުފާނުގެ އަރިހަށް އެމެރިކާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ހޫގޯ ޔޮން މިއަދު ކުރެއްވި ޒިޔާރަތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

މ. ދިމްޔާތުގައި ބޭއްވެވި މި ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، އެމެރިކާއާއެކު އޮންނަ ގުޅުން މިހާރަށްވުރެ ހަރުދަނާކުރެވި، އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ. އަދި އެކި ދާއިރާތަކުން ދިވެހިރާއްޖެއަށް ބޭނުންވާ އެހީތެރިކަން ފުރިހަމައަށް ދެއްވާނެކަމަށް ޔަގީންކުރައްވާކަމަށްވެސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

އެމެރިކާގެ ސަފީރުގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި އެމެރިކާގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް ދެ ފަރާތުން ގުޅިގެން ކުރެވެންހުރި މަސައްކަތްތަކަށާއި ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ. އަދި ރާއްޖޭގައި އަލަށް ގާއިމުވެގެންދިޔަ އެމެރިކާ އެމްބަސީގެ ސަބަބުން މި މަސައްކަތްތައް އިތުރަށް ފުޅާވެގެންދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން