އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ކެބިނެޓަށް އައްޔަންކުރާނެ ބަޔަކު ހޮވުމަށް އެއްވެސް ބޭފުޅަކު ލިސްޓެއް ހަދައިގެން ފޮނުވަން ނުޖެހޭނެ ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަޙީމް އަބްދުﷲ މިއަދު ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސްގެ އިންތިގާލީ އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަން އަބްދުއްރަހީމް އަބްދުﷲ، އަދުރޭ ވިދާޅުވީ، ކެބިނެޓަށް އައްޔަންކުރާނެ ބޭފުޅުން ކަނޑައަޅުއްވާނީ ޑރ.މުޙައްމަދު މުޢިއްޒު ކަމަށެވެެ. އެހެންކަމުން ސަރުކާރު ކެބިނެޓް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނީ އިންތިހާބީ ރައީސް ޑރ.މުޢިއްޒު ކަމަށާއި ކެބިނެޓަށް އައްޔަންކުރާނެ ބޭފުޅުން ކަނޑައެޅުމަށް އެއްވެސް ބޭފުޅަކު ލިސްޓެއް އެމަނިކުފާނަށް ފޮނުވަން ނުޖެހޭނެ ކަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

އަދުރޭ ވިދާޅުވީ ޔާމީން، އެ މަނިކުފާނު ބޭނުންފުޅުވާ ވަކި ބޭބޭފުޅުންތަކެއް ސަރުކާރުގައި ހިމެނެއްވުމަށް އެދި ލިސްޓެއް ފޮނުވި ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށެވެެ. އެހެން ނަމަވެސް ކެބިނެޓް އެކުލަވާލުމުގައި މަޝްވަރާކުރަންޖެހޭ ފަރާތްތަކާއި މުޢިއްޒު މަޝްވަރާ ކުރައްވާނެ ކަމަށް އަދުރޭ ވިދާޅުވިއެވެ.

"ކެބިނެޓު އެކުލަވައިލުމުގެ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާނީ. ދެން އެއަކަށް ނުޖެހޭނެ އިތުރު ބޭބޭފުޅުން، އަޅުގަނޑު ވިޔަސް، އެހެން ބޭފުޅަކު ވިޔަސް، ލިސްޓު ހަދާފައި ފޮނުވާކަށް. އެއީކީ އެކަން އޮންނަ ގޮތެއް ނޫންކަން ހަމަ ރަނގަޅަށް އެނގިވަޑައިގަންނަވާނެ." އަބުދުއްރަޙީމް ވިދާޅުވިއެވެ.

މީގެ އިތުރުން އަބުދުއްރަޙީމް ވިދާޅުވީ، ރައްޔިތުން ފަސްއަހަރުގެ ދައުރަކަށް ވެރިކަން ހަވާލުކުރީ ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒު އާއި ކަމަށެވެ. އެގޮތުން ވައުދުތަކާއެކު ރައްޔިތުންގެ ކުރިމައްޗަށް ވަޑައިގަތީ ޑރ.މުޢިއްޒު ކަމަށާއި، ކެބިނެޓަށް އައްޔަންކުރާނީ ވައުދުތައް ފުއްދަވައިދެވޭނެ ޤާބިލް ކަން ހުރި އެމަނިކުފާނަށް އިތުބާރު އޮތް ބޭފުޅުން ކަަމަށް އަބުދުއްރަޙީމް ވިދާޅުވިއެވެ.

"އަޅުގަނޑު ގަބޫލުކުރާ ހަމައަކީ، ރައްޔިތުން ވެރިކަން ހަވާލު ކުރީ ކުރިއަށް އޮތް ފަސް އަހަރަށް ޑރ. މުއިއްޒަށް. ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒާ ހަވާލު ކުރީ. އެހެންވީމާ، އެ މަނިކުފާނު ރައްޔިތުން ކުރިމައްޗަށް ވަޑައިގަތީ. އެ މަނިކުފާނު ރައްޔިތުންނަށް ވައުދުވެވަޑައިގަތީ. އެހެންވީމާ އެ މަނިކުފާނު ވެވަޑައިގެންނެވި ވައުދުތައް ފުއްދެވުމުގައި އެ މަނިކުފާނަށް އިތުބާރު އޮތް ބަޔަކާ އެކީގައި އެ މަނިކުފާނަށް މަސައްކަތް ކުރެއްވޭނީ. ރައީސުލްޖުމްހޫރިއްޔާގެ ކެބިނެޓު ވާންވާނީ ރައީސުލްޖުމްހޫރިއްޔާއަށް 100 ޕަސެންޓު އިތުބާރު އޮތް ކެބިނެޓަކަށް،" އަބުދުއްރަޙީމް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން