ތައުލީމީ ހަޔާތް ނިންމަވާލެއްވުމަށްފަހު އެންމެ ބޮޑަށް ވިސްނައިވަޑައިގަތީ ޤައުމަށް ކޮށްދެއްވޭނެ ކަމަކާމެދުގައި ކަމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން މިއަދު ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިހެން ވިދާޅުވީ، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ތަޢުލީމީ ހަޔާތުގައި އެކި ކުދިން ކަޑައްތު ކުރަން ޖެހޭނީ އެކިވަރުގެ ކަންކަންކަމަށާއި، ނަަމަވެސް ދިމާވާ ގޮންޖެހުންތަކާއި ހުރަސްތަކުން އަރައިގަތުމަށް މަސައްކަތް ކުރަން ޖެހޭނެކަމަށް ވިދާޅުވިއެވެ.

އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅުގައި ވަނީ އެމަނިކުފާނުގެ ތައުލީމީ ހަޔާތަށްފަހު އަމިއްލަފުޅު ދިރިއުޅުއްވުން ކުރިއަށްގެންދަވަން ވިސްނެވި ގޮތް ހިއްސާކުރައްވާފައެވެ. އެގޮތުން ތަޢުލީމީ ހަޔާތް ނިންމަވާލެއްވުމަށްފަހު އެންމެ ބޮޑަށް ވިސްނެވީ ސާދާ ދިރިއުޅުއްވުމެއް އުޅުއްވުމަށްކަމަށް ވިދާޅުވިއެވެ. އަދި ޤައުމަށް ކޮށްދެއްވޭނެ ކަމަކާމެދުގައިވެސް ވަރަށް ބޮޑަށް ވިސްނެވިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ދަސްވެނިވި ކުދިންނާއި މުހާތަބް ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކުރިއަށް އޮތް މުސްތަޤުބަލު އިތުރަށް ފުރިހަމަކޮށް އުޖާލާކުރުމަށް މަސައްކަތްކުރަންޖެހޭ ކަމަށެވެ. އަދި ހިތްވަރާއިއެކު ދިމާވާ ގޮންޖެހުންތަކުން އަރައިގަނެ، އީމާންތެރިކަމާއި ރިވެތި އަޙްލާޤުގެ މަތީގައި މަސައްކަތް ކުރުމުން ކާމިޔާބު ލިބޭނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އިހުލާސްތެރިކަމާއެކު އަދި ހިއްވަރާއެކު މަސައްކަތް ކުރާ ކޮންމެ މީހަކަށް މާތް ރަސްކަލާންގެ ތައުފީގު ދެއްވާނެކަން ޔަޤީން." އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ އެކި ފެކަލްޓީތަކުން މި އަހަރު ޖުމްލަ 314 ކުދިން ވަނީ ދަސްވެނިވެފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަކީ ރާއްޖޭގެ އެންމެ ދުވަސްވީ އަދި އެންމެ ފާހަގަކޮށްލެވޭ މަތީ ތަޢުލީމުގެ މުއައްސަސާއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން