އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ނަންފުޅުގައި ދައުރުކުރަމުންދާ ފޭކު މެސެޖުތަކުގެ މައްސަލަ ބަލައިދިނުމަށް ޕީޕީއެމް-ޕީއެންސީން ފުލުހުންނަށް ގޮވާލައިފިއެވެ.

ޕީޕީއެމް-ޕީއެންސީ ކޯލިޝަނުން ނެރުނު ނޫސް ބަޔާނުގައި ވަނީ މި މައްސަލަ އަވަސް މައްސަލައެއްގެ ގޮތުގައި ބަލައި އެކަން ހުއްޓުވުމުގައި އަޅަންޖެހޭ ފިޔަވަޅުތައް އަޅައިދިނުމަށް ފުލުހުންނަށް ގޮވާލާފައެވެ.

ޕީޕީއެމް-ޕީއެންސީން ބުނި ގޮތުގައި ޑރ. މުޢިއްޒުގެ ނަންފުޅުގައި އެމަނިކުފާނުގެ މޮބައިލް ނަމްބަރުން ދައުރު ކުރަމުންދާ ތަފާތު އެކިއެކި އެސްއެމްއެސްތަކަކީ ޙަޤީޤަތާ ޚިލާފު ފޭކް އެސްއެމްއެސްތަކެއް ކަމަށެވެ. އަދި މިކަން ކުރަނީ ކޮންމެ ފަރަތާކުން ނަމަވެސް، މިފަދަ ނާތަހުޒީބު އަަމަލުތައް ނުކުރުމަށާއި އެފަދަ މެސެޖެއް ލިބިވަޑައިގެންނެވި ނަމަވެސް، އެއަށް އަމަލު ނުކުރުމަށްވެސް އެ ކޯލިޝަނުން އިލްތިމާސްކުރިއެވެ.

ޑރ. މުޢިއްޒުގެ ނަމުގައި، އެމަނިކުފާނާއި ބައްދަލު ކުރެއްވުމަށް އެދި އަދި އެމަނިކުފާނާއިއެކު ބައެއް ބައްދަލުވުންތަކުގައި ބައިވެރިވުމަށް އެދި ޓެލެގްރާމްގެ ޒަރީޔާއިން ފޭކް މެސެޖުތަކެއް ބަޔަކު މީހުން ފޮނުވަމުންދާކަމަށް އިންތިޤާލީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލުވެސް ވަނީ ވިދާޅުވެފައެވެ. އެއީ ޑރ. މުޢިއްޒު ފޮނުއްވާ މެސެޖުތަކެއް ނޫންކަން ފާހަގަކުރައްވަމުން ފިރުޒުލް ވަނީ އެފަދަ މެސެޖުތަކަށް ސަމާލުވުމަށް އިލްތިމާސް ކުރައްވާފައެވެ.

މީގެ ކުރީގައި ޑރ. މުޢިއްޒު މާލެ ސިޓީ ކައުންސިލުގެ މޭޔަރުކަމަށް އިންތިޚާބުވި ދުވަސްވަރު ވެސް އެމަނިކުފާނުގެ ނަމުގައި ފޭކް މެސެޖްތައް އެކި ފަހަރުމަތިން ދައުރުވެފައިވާކަން ފާހަގަކޮށްލެވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން