ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް ފުރަތަމަ ފަހަރަށް ރާއްޖޭގެ ސެންޓްރަލް ބެންކުގެ ގަވަރުނަރު ހޮވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މަރުހަބާ ވިދާޅުވެއްޖެއެވެ.

ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް މިފަހަރު ހޮވިފައިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމެވެ. މިއީ ވޯލްޑް ބޭންކް ގުރޫޕާއި އިންޓަނޭޝަނަލް މަނިޓަރީ ފަންޑްގެ މެންބަރު ގައުމުތަކުގެ ވޯޓުން ހޮވާ މަގާމެކެވެ.

ރައީސް ސާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއަކަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގަވަރުނަރު އަލީ ހާޝިމް ހޮވުމާއި ގުޅިގެން މަރުހަބާ ދަންނަވާކަމަށެެވެ. އަދި މިއީ ވަރަށް ތާރީޙީ އަދި ފަހުރުވެރި ކަމެއްގެ ގޮތުގައި ރައީސް ސާލިހު ވަނީ ސިފަކުރައްވާފައެވެ.



ވޯލްޑް ބޭންކާއި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އެމްއެމްއޭގެ ގަވަރުނަރު އިންތިހާބުވީ ވޯޓުގައި ބައިވެރިވި ހުރިހާ ގައުމުތަކެއްގެ ތާއީދާއެކުއެވެ. މި މަގާމަށް ރާއްޖެ ހޮވުނުކަން އިއުލާންކޮށްފައި ވަނީ މޮރޮކޯގެ މަރަކެޝްގައި މިހާރު ކުރިއަށްދާ ވޯލްޑް ބޭންކް ގްރޫޕް – އައިއެމްއެފް އަހަރީ ބައްދަލުވުމުގެ ތެރެއިންނެވެ. މިއާއެކު، އައިއެމްއެފް އަދި ވޯލްޑް ބޭންކުގެ 2024ވަނަ އަހަރީ ބައްދަލުވުންތަކުގެ ޗެއާކަން ކުރައްވާނީ ގަވަރުނަރު އަލީ ހާޝިމެވެ.

ވޯލްޑް ބޭންކް އަދި އައިއެމްއެފްގެ ގަވަރުނަރުންގެ ބޯޑުގެ ޗެއާއެއް ހަމަޖައްސަނީ ކޮންމެ އަހަރެއްގައި ވެސް ތަފާތު ސަރަހައްދަކުންނެވެ. އެގޮތުން 2024 ވަނަ އަހަރުގެ ޗެއާމަންކަމަށް ހަމަޖައްސާފައިވަނީ އޭޝިއާ ޕެސިފިކް މެންބަރު ގައުމުތަކުންނެވެ. މިކަމާ ގުޅިގެން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ މިއީ ރާއްޖެއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

ގަވަރުނަރުންގެ ބޯޑުގެ ޗެއާގެ އެންމެ މުހިންމު މަސްއޫލިއްޔަތަކީ އައިއެމްއެފް އަދި ވޯލްޑް ބޭންކު މެންބަރު ގައުމުތަކުގެ މަރުކަޒީ ބޭންކުތަކުގެ ގަވަރުނަރުންނާއި ފިނޭންސް މިނިސްޓަރުންގެ އަހަރީ ބައްދަލުވުންތައް ޗެއާކުރެއްވުމެވެ. މީގެ އިތުރުން، ރެމިއުނެރޭޝަން އޮފް އެގްޒެކެޓިވް ޑިރެކްޓާސް އެންޑް ދެއާ އަލްޓަނޭޓްސް ކޮމިޓީ، ޖޮއިންޓް ޕްރޮސީޖާ ކޮމިޓީ އަދި މަލްޓިލެޓެރަލް އިންވެސްޓްމަންޓް ގެރެންޓީ އޭޖެންސީ ޕްރޮސީޖާ ކޮމިޓީގެ ޗެއާކަން ކުރައްވާނީ ވެސް ގަވަރުނަރުންގެ ބޯޑުގެ ޗެއާޕާސަންއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން