ތިލަމާލޭ ބްރިޖް މަޝްރޫޢު ލަސްވާ ސަބަބު ބަލައި، ބްރިޖުގެ މަސައްކަތް އަވަސްކުރުމަށް މަސައްކަތް ކުރައްވާނެކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ ތިލަމާލޭ ބްރިޖް މަޝްރޫޢުއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މުއިއްޒު ވިދާޅުވީ އެ މަޝްރޫޢު ހުއްޓާލުމުގެ އެއްވެސް ވިސްނުމެއް ނެތްކަމަށާއި، އަމާޒަކީ އެ މަޝްރޫޢުގެ މަސައްކަތް ބާރަށް ކުރިއަށްގެންދިއުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ އެ މަޝްރޫއާއި ގުޅޭގޮތުން މަޢުލޫމާތު އެއްކުރައްވަމުންދާ ކަމަށާއި އެންމެ އެދެވޭ ސްޕީޑުގައި އެ މަޝްރޫޢު ނުހިނގާ ސަބަބު ބައްލަވާނެކަމަށެވެ. އަދި އެކަން ލަސްވުމުގައި ސަރުކާރުގެ އިހުމާލު ބޮޑުކަމަށްވެސް މުއިއްޒު ފާހަގަކުރެއްވިއެވެ.

"އެއީ އެގްރީމަންޓް މައްސަލައެއްތޯ، ކޮންޓްރެކްޓަރ ނުވަތަ ކޮންސަލްޓަންޓް މައްސަލަތޯ. ގައިމު ސަރުކާރު މައްސަލައެއް އޮތްކަން އެނގޭ. ޤާބިލްކަން ނެތީމަ ނުހިނގާއޮތީ. ކަމާބެހޭ މިނިސްޓްރީގައި އޮތީ އެއްޓީމެއް ސިވިލް ސަރވިސް ތެރޭގައި، އަޅުގަނޑުމެން ސިނަމާލެ ބްރިޖް ހެދިއިރު އޮތް ޓީމު ގާތްގަނޑަކަށް މިއޮތީ." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވީ ގިރާވަރުފަޅު ހިއްކައި ގޯތި ދޫކުރާއިރު، ބްރިޖު އެ ސަރަހައްދަށް ގުޅުވާލުންފަދަ ބައެއް ބަދަލުތައް ބްރިޖު މަޝްރޫޢަށް ގެންނަންޖެހޭ ކަމަށެވެ.

ތިލަމާލެ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. ދިގުމިނުގައި 6.7 ކިލޯ މީޓަރުގެ ބްރިޖެއް ޤާއިމުކުރުމަށް މި މަޝްރޫޢުގައި ވަނީ ހިމަނާފައެވެ. އަދި މި މަޝްރޫޢުއަށް 7 ބިލިއަން ރުފިޔާ ޚަރަދުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން