ފަލަސްތީނުގެ މައުސޫމް އާންމުންނާއި ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ހުއްޓުވުމަށްޓަކައި އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ބައިނަލްއަގުވާމީ މުޖުތަމަޢަށް ދިވެހި ސަރުކާރުން ގޮވާލައިފިއެވެ.

ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވަނީ އިޒްރޭލުން ފަލަސްތީނުގެ ކުށެެއްނެތް ޢާންމުންނާއި ދެކޮޅަށް ހިންގާ އަމަލުތައް ކުށްވެރިކުރާ ކުރުން ތަކުރާރުކޮށްފައެވެ. އަދި އިޒްރޭލުގެ އަސްކަރިއްޔާއިން 24 ގަޑިއިރު ތެރޭގައި ގާޒާގެ އުތުރުގައި އެޮތް އާބާދީ ދެކުނަށް ޖަމާކުރުމަށް ނެރުނު އަމުރަކީ ހަނގުރާމައިގައި ގަދަ ބާރު ބޭނުންކުރުމުގެ ކުށެއްކަން ވެސް ފާހަގަކޮށްފައިވެއެވެ.

ގާޒާ ރައްޔިތުންނަށް އަމިއްލަ ބިމަށް ރައްކާތެރިކަމާއިއެކީ އަނބުރާ ދެވޭނެ ކަމުގެ ޔަގީންކަމެއް ނެތް ކަން ފާހަގަކުރަމުން ދިވެހި ސަރުކާރުން ވަނީ އިޒްރޭލުގެ އެ އަމުރު ބާތިލު ކުރުމަށް ގޮވާލާފައެވެ.

އަދި ހަމައެއާއިއެކު، ކާބޯތަކެއްޗާއި ބޭހާއި ޒަރޫރީ ކަންކަމަށް ބޭނުންވާ ސާމާނު އެޤައުމަށް އެތެރެވެވޭނެ މަގުތައް ބަންދުނުކޮށް އަލުން އެކަން ފަހިކޮށްދިނުމަށްވެސް ދިވެހި ސަރުކާރުން ގޮވާފައި ވެއެވެ.



މީގެ އިތުރުން މިނިވަންކަމުގެ ޙައްޤު ހިމެނޭ ގޮތަށް ފަލަސްތީނުގެ ރައްޔިތުންގެ އަސާސީ ޙައްޤުތައް ކަށަވަރުކުރުމުގައި ކުރަމުންދާ މަސައްކަތަށް ކުރިއެކޭވެސް އެއްގޮތަށް ދިވެހިން ތާއީދުކުރާކަމަށާއި މި ސްޓޭންޑަށް ބަދަލެއް ނާންނަކަން ދިވެހި ސަރުކާރުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.



މި މައްސަލައަށް ދެމެހެއްޓެނިވި އަދި ދާއިމީ ހައްލެއް ލިިބިގެންދާނީ 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްތީނުގައި މިނިވަން އަދި އިސްތިގުލާލު ދައުލަތެއް ގާއިމްކޮށްގެން ކަމަށް ދިވެހި ސަރުކާރުން ބުނެފައި ވެއެވެ.


ކިޔުންތެރިންގެ ހިޔާލު


0

ސސ

17-Oct-2023

ފަލަސްތީން މިނިވަން ކުރަންޖެހޭ ހުރިހާ ކަމެއް ކުރުމަކީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ ދިވެހިންގެ މައްޗަށް ލާޒިމް ކުރާކަމެއް .



ޓްރެންޑިން