ދިވެހީންގެ މިނިވަން ކަމަށް އޮތް ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލައްވާނެ ކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެެވެ.

ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ރައީސް ކަމަށް އިންތިހާބުވެވަޑައިގަތުމަށްފަހު ފުރަތަމަ ފަހަރަށް ބައިނަލްއަގުއާމީ މީޑިޔާ އެއް ކަމަށްވާ އަލްޖަޒީރާއަށް ދެއްވި އިންޓަވިއު އެއްގައެވެ. އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ދިވެހީންގެ މިނިވަން ކަމަށް ހުރި ހުރަސްތައް ނައްތާލައްވާނެ ކަމަށެވެ. އެގޮތުން ރާއްޖޭގައި ބޭރުގެ އެއްވެސް ގައުމެއްގެ ސިފައިން ރާއްޖޭގައި ތިބުމަކީ މިނިވަން ކަމަށް އޮތް ހުރަހެއްކަން މުއިއްޒު ވަނީ ފާހަގަކުރައްވާފައެވެ.

އެމަނިކުފާނު ވިދާޅުވީ ރާއްޖޭގެ ހާރިޖީ ސިޔާސަތުގެ ހަމަހަމަކަން ގެއްލިފައި އޮތް އޮތުން ނިމުމަކަށް ގެންނަވާނެ ކަމަށެވެ. އެގޮތުން ދިވެހީންގެ މިނިވަންކަމަށް އޮތް ގޮންޖެހުންތަކާއި ހުރަސްތައް ނައްތާލަން މަސައްކަތް ކުރައްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ ބިދޭސީ ސިފައިން ފޮނުވާލުމާއި ހާރިޖީ ސިޔާސަތު ހަމަހަމަ ކުރުމަކީ އެމަނިކުފާނުގެ އެޖެންޑާގެ އެންމެ ކުރީގައި އޮތް ދެ މައްސަލަ ކަމަށެވެެ.

މީގެ އިތުރުން މުޢިއްޒު ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގައި ދިވެހީންގެ އެންމެ ގާތް އެކުވެރީންނަށް ވާނީ "މޯލްޑިވިސް ޕްރޯ ސިޔާސަތަށް" އިހްތިރާމު ކުރާ ގައުމުތައް ކަމަށެވެ. ދިވެހީންގެ އެ ސިޔާސަތަށް އިހްތިރާމު ނުކުރާ ބަޔަކާއެކު އެންމެ ގާތް ގުޅުން ބޭއްވުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ރާއްޖޭގައި އޮންނާނީ އަމިއްލަ ފޮރިން ޕޮލިސީ އެއް. އެހެން އެއްވެސް ގައުމެއްގެ އެއްވެސް ޕޮލިސީއެއް މި ގައުމަކު ނޯންނާނެ. އަޅުގަނޑުގެ ސަރުކާރެއްގައި އެކަހަލަ ކަމަކަށް ތާއީދެއް ވެސް ނުކުރާނެ." އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހުވާކުރައްވާ ރާއްޖޭގެ އަށްވަނަ ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން