އިގްތިސާދު ސަލާމަތްކޮށް، އިގްތިސާދީ އަނދަވަޅުން ސަލާމަތްވާން އައު ސަރުކާރުން 24 ގަޑިއިރު މަސައްކަތް ކުރަންޖެހޭނެ ކަމަށް އެމްއެންޕީގެ ނައިބު ރައީސް އަހުމަދު ޝަރީފް (ސައިރިކްސް ޝަރީފް) ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ އަންނަ އަހަރަށް 50 ބިލިއަން ރުފިޔާ ބަޖެޓެއް ފާސްކުރަން އުޅޭއިރު އެ ބަޖެޓް ހަމަޖައްސަން ބޮޑު އަދަދެއް ދަރަނީގެ ގޮތުގައި ހޯދަންޖެހޭތީ އެކަމަށް އިޝާރަތްކުރައްވަ އެވެ.

ޝަރީފް ވިދާޅުވީ 50 ބިލިއަން ބަޖެޓަށް 13 ބިލިއަން ރުފިޔާ އިތުރަށް ހޯދަންޖެހޭކަމަށެވެ. ނަމަވެސް ރައީސް ސާލިހުގެ ސަރުކާރުން ބަޖެޓަށް އާމްދަނީ ލިބޭނެ ޕްރޮޖެކްޓްތަކެއް ހިންގާފައި ނެތުމުން 13 ބިލިއަން ރުފިޔާ ހޯދާނެ ގޮތަކާއި ގުޅޭގޮތުން ޝަރީފް ވަނީ ސުވާލު އުފައްދަވާފައެވެ.

ޝަރީފް ވިދާޅުވީ ދައުލަތުގެ ބަޖެޓްގެ ދަރަނި ކުޑަކޮށް، ހަރަދުތައް ހަމަޖައްސަން ރިކަރަންޓް ހަރަދުގެ ގޮތުގައި ހިމެނޭ ދައުލަތް ހިންގުމުގެ ހަރަދުތައް ކުޑަކުރަންޖެހޭ ކަމަށެވެ. އަދި ޕްރައިވެޓް ސެކްޓަރ ފުޅާކޮށް ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަން ޖެހޭކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.

"ރިކަރަންޓުގެ 33 ބިލިއަން ހަރަދުން 13 ބިލިއަން އުނިކުރެވޭނެ ގޮތެއް ކުރިއަށް އޮތް އަހަރުގައި ހޯދައި، ޕްރައިވަޓްސެކްޓަރު ފުޅާކޮށް 13 ބިލިއަން ހޯދުމަށް ޓާގެޓް ހިފަންޖެހޭ، ދެން ހަވާލުވާ ސަރުކާރަކުން 24 ގަޑިއިރު މަސައްކަތްކޮށްގެން ރާއްޖޭގެ އިގްތިސާދު އަނދަވަޅުން ސަލާމަތް ކުރެވޭނީ." ޝަރީފް ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން އަންނަނީ 50 ބިލިއަން ރުފިޔާގެ ބަޖެޓެއް ހުށަހެޅުމަށް ތައްޔާރުވަމުންނެވެ.

ބަޖެޓާއި ގުޅޭގޮތުން މަޖިލީހަށް ހުށަހަޅާފައިވާ ބަޔާނެއްގައި ބުނީ 50 ބިލިއަން ރުފިޔާގެ ތެރެއިން 33 ބިލިއަން ރުފިޔާއަކީ ދައުލަތް ހިންގުމުގެ ހަރަދުކަމަށެވެ. އަދި ތަރައްގީގެ މަޝްރޫއުތަކަށް 15 ބިލިއަން ކަނޑައަޅާފައިވާއިރު 9 ބިލިއަން ރުފިޔާގެ ޑެފިސިޓެއް އުޅޭނެކަމަށް ސަރުކާރުން ބުނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން