ޒަޔަނިސްޓު އިސްރާއީލްގެ ޕާސްޕޯޓް އޮތް މީހުންނަށް ރާއްޖެއިން ވިސާ ދިނުން ހުއްޓާލަންޖެހޭ ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިހް އަހްމަދު ސަމީރު ވިދާޅުވެއްޖެ އެވެ.

ސަމީރު މިހެން ވިދާޅުވީ، ފަލަސްތީނުގެ ބިމަށް ގަދަބާރުން ވެރިވެގެންފައިވާ ހައްދު ފަހަނައަޅާފަައިވާ ޔަހޫދީ އިސްރާއީލުން ފަލަސްތީނުގެ މުސްލިމު ރައްޔިތުން އެއްވެސް ހައްގަކާއި ނުލައި ޝަހީދުކޮށް އެމީހުންގެ ގެދޮރުން ނެރެ ލާއިންސާނީ އަނިޔާވެރި އެތައް ޖަރީމާތައް ހިންގަމުން ގެންދާ މައްސަލައިގައެވެ. ޖަމިއްޔަތުލް ސަލަފަށް ނިސްބަތްވެވަޑައިގަންނަވާ ޝެއިހް އަހުމަދު ސަމީރު ވިދާޅުވީ އިސްރާއިލް ސިފައިން ފަލަސްޠީނުގެ ބިން ފޭރިގަނެ، އެތަނުގެ ރައްޔިތުން ރަށުން ބޭރުކޮށް، އަޅުވެތިކޮށް އެމީހުންގެ ގެދޮރު ސުންނާފަތިކުރަމުންދާ ކަމަށެވެ. އަދި މުސްލިމުންގެ ފުރަތަމަ ގިބުލަ، މަސްޖިދުލް އަޤްޞާގެ ޙުރުމަތް ކަނޑައި، ޣައްޒާގެ ލޮބުވެތި މުސްލިމު އަޚުންނާއި އުޚުތުން، އަސާސީ ހުރިހާ ޙައްޤަކުން މަޙްރޫމުކޮށް، އަލިފާނުގެ އަނދަވަޅެއްގައި ހައްޔަރުކޮށް، ޤަތުލުޢާންމު ހިންގަމުންދާ ކަމަށް ސަމީރު ވިދާޅުވިއެވެ.



"މުޖާހިދުންގެ ޙަމަލާތަކުން ޒަޔަނިސްޓުންނަށް އަމާންކަން ލިބޭ ތަނަކަށް ދިވެހި ގޮނޑުދޮށްތައް ހަދައިގެން ނުވާނެ، ޒަޔަނިސްޓު ދައުލަތުގެ ޕާސްޕޯޓު އޮތް މީހުންނަށް ވިސާދިނުން ހުއްޓާލަންޖެހޭ." ސަމީރު ވިދާޅުވިއެވެ.

ފަަލަސްތީނުގެ މައްސަލައިގައި މީގެ ކުރިން ޝެއިހް ސަމީރު ވިދާޅުވެފައިވަނީ ފަލަަސްތީނުގައި ދެ ދައުލަތެއް ނޯންނާނެ ކަމަށާއި އެއީ ހަމައެކަނި ފަލަސްތީނު ކަމަށެވެ. ފަަލަަސްތީނުގެ މުގައްދަސް ބިން ފޭރިގަނެގެން އެތަނަށް ބޭރުން އަރާ ތިބި ޒަޔަނިސްޓް ޔަހޫދީ ޖަމާއަތަކަށް އެ ބިމުގައި ޔަހޫދީ ދައުލަތެއްގެ ހައްގު އޮތް ކަމަށް ގަބޫލު ކުރުމީ އުންމަތުގެ ހައްގުގައި ވެވޭ ބޮޑުވެގެންވާ ހިޔާނާތެއް ކަމަށް ޝެއިހް ސަމީރު ވިދާޅުވިއެވެ.

ޝައިހް ސަމީރު ވިދާޅުވީ ފަލަސްތީނަށް އަރާ ތިބި ޒަޔަނިސްޓް ޔަހޫދީންނާއި އެމީހުންގެ އައުވާނުންގެ ބާރު ކިތަންމެ ގަދަވިޔަސް މުސްލިމެއްގެ ހިތުގައި އެ ބިމުން ކައިވަތެއްގެ މިންވަރުވެސް ޣާޞިބުންނަށް ހައްގު ކަމުގައި ދެކިގެން ނުވާނެ ކަމަށެވެ.

"އަނިޔާވެރިކަމާއެކު ބިމަށް އަރައި ގަނެވިދާނެ އެވެ. އެހެނަަސް އަޅުގަނޑުމެން ހިތުގެ އަގީދާއަށް އަރައިގަތަދީގެން ނުވާނެ އެވެ. ހައްލަކީ ދީނަށް އެނބުރި އައިސް ޖިހާދުކޮށް ގުދުސް މިނިވަން ކުރުމެވެ." ޝައިހް ސަމީރު ވިދާޅުވެފައިވެއެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން ފަލަސްތީނުގެ ޣައްޒާއަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ދެމުން އަންނަ އުދުވާނީ ހަމަލާތަކުގައި 2215 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. ހަނގުރާމައިގައި ޝަހީދުވި މީހުންގެ ތެރޭގައި 724 ކުޑަކުދިން ހިމެނެއެވެ.

އިސްރާއިލްގެ ހަމަލާތަކާ ގުޅިގެން ފަލަސްތީނުގެ 8،714 މީހުން ޒަހަމްވެފައިވާ ކަމަށް ފަލަސްތީނުގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އިސްރާއިލް ސިފައިން އަންނަނީ މިހާރު ޣަައްޒާ އަށް އެއްގަމު މަގުންނާއި ވައިގެމަގުން ހަމަލާތައް ދެމުންނެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން