ބައެއް ބޭފުޅުންނަށް ރެސިޑެންޓް ވިސާގެ މައްސަލަ ގޯސްވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު އެވާހަކަ ދެއްކެވުމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

ބިދޭސީންނަށް ރެސިޑެންޓް ވިސާ ދޭ ގޮތަށް އިމިގްރޭޝަންގެ ގާނޫނަށް އިސްލާހު ގެންނަން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހުށައަޅުއްވާފައިވާ އިސްލާހާއި ގުޅިގެން އެކަމުގައި އިދިކޮޅު ފަރާތްތަކުން ފާޅުކުރަމުންދާ ޚިޔާލުތަކަށް ރައްދުދެއްވައި މުޙައްމަދު ނިހާދު ވިދާޅުވީ، ރައީސް ނަޝީދު ދެއްކެވީ އާކަމެއްގެ ވާހަކަ ނޫން ކަމަށެވެ.

"މިހާރުވެސް ރެސިޑެންޓް ވިސާ ލިބޭ. ދެއްކީ އާކަމެއްގެ ވާހަކައެއް ނޫން." ނިހާދު ވިދާޅުވިއެވެ.



ނިހާދު ވިދާޅުވީ، ރެސިޑެންޓް ވިސާއަކީ ސިޓިޒަންޝިޕް ދިނުން ނޫންކަމަށާއި، ވިސާލިބޭ އުސޫލަށް ޤާނޫން އިސްލާޙު ކުރާއިރު ބަދަލު ގެނައުމަކީ އެތައް ބަޔަކަށް ލުއި ލިބިގެން ދާނެ ކަމެއް ކަމަށެވެ.

"މިވާހަކަ އެހެން މެމްބަރުންވެސް ދެއްކި. މަޖިލީސްގެ ރައީސް ދެއްކީމަ ގޯސް." ނިހާދު އިތުރަށް ވިދާޅުވިއެވެ.

ނިހާދު އިތުރަށް ވިދާޅުވީ، މިއީ އާ ވާހަކައެއް ނޫން ކަމަށާއި، ރައީސް ނަޝީދު އެކަމަށް އިސްލާޙެއް ލާފައި ނުވާ ކަމަށެވެ. އަދި ރައީސް ފާހަގަކުރެއްވީ ބަހުސްގައި ދެކެވުނު ވާހަކައެއް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބައެއްފަރާތްތަކުން އެކަން މާބޮޑުކޮށްލައިގެން ދައްކާތީ އެވާހަކަ "ބުނެލީ" ކަމަށް ނިހާދު ވިދާޅުވިއެވެ.



ކޮންމެ ކަމެއް އޮޅުވާލުމަކީ ރަނގަޅުކަމަކަށް ނުވާނެ ކަމަށާއި، ފިތުނަ ނުކުރުމަށް ނިހާދު ވަނީ ގޮވާލާފައެވެ.

އިމިގްރޭޝަން ޤާނޫނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް ނަޝީދު ހުށަހަޅުއްވާފައިވާ އިސްލާހުތަކުގެ ތެރޭގައި 10 އަހަރަށް ރާއްޖެއިން ގެ އެއް ކުއްޔަށް ހިފާ މީހަކަށް ރެޒިޑެންޓް ޕާމިޓު ދިނުމަށް ވަނީ ހުށައަޅުއްވާފައެވެ. މީގެއިތުރުން އެއްލައްކަ ރުފިޔާއަށްވުރެ މަތީގެ އިންވެސްޓެއް ކުރާ ފަރާތްތަކަށް ވެސް ރެސިޑެންޓް ވިސާ ދޭން ރައީސް ނަޝީދު ހުށައަޅުއްވާފައި ވެއެވެ. އެމްޑީޕީގެ މެމްބަރުން އެ އިސްލާހާއި ދެކޮޅު ހަދާފައިވާއިރު ސިޔާސީ ޕާޓީތަކުގެ އިސްބޭފުޅުންނާއި އާންމު ގިނަ ރައްޔިތުން ވެސް ވަނީ އެކަމާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ.



ކިޔުންތެރިންގެ ހިޔާލު