ދެން ފެނިގެންދާނީ ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމް ޗެމްޕިއަން ކުރެވިގެންދާނެ ސަރުކާރެއް ކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެއެވެ.

އިންތިހާބީ ރައީސް މުއިއްޒު މިހެން ވިދާޅުވީ މާލެ ސިޓީ ކައުންސިލްގެ މޭޔަރުގެ ގޮތުގައި ހުންނަވައިގެން ބޭއްވި އެންމެ ފަހު ކައުންސިލް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އާ ސަރުކާރުން އެލްޖީއޭ ބާރުވެރިކުރެވޭނެ ޚާއްސަ މިނިސްޓްރީއެއް އުފައްދަވާނެ ކަަމަށެވެ.

އެގޮތުން އެ މިނިސްޓްރީގައި ހުންނަވާ ވަޒީރު މެދުވެރިކޮށް ދުވަހުން ދުވަހަށް ކައުންސިލްތަކުން ބޭނުންވާ ކަންތައްތައް ބަލައި ކައުންސިލްތަކަށް ސަރުކާރުން ދޭން ޖެހޭ ހުއްދަތައް ދެވޭނެ ގޮތް ފަހި ކޮށްދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.



"ދެން ފެށިގެންދާ ސަރުކާރަކީ ރައްޔިތުން އިންތިޚާބުކޮށްފަ ތިބި ކައުންސިލަރުން ހަގީގީ މާނައިގައި ލާމަރުކަޒީ ނިޒާމްގެ ތެރެއިން ރައްޔިތުންނަށް ޚިދުމަތް ދެވޭކަން ޗެމްޕިއަން ކޮށްދެވޭ ޔަގީން ކޮށްދެވޭ ސަރުކާރަކަށް ވެގެންދާނެ." އަށް އަހަރު ވަންދެން ހައުސިން މިނިސްޓަރުކަން ކުރެއްވި މުޢިއްޒު ވިދާޅުވިއެވެެ.

މީގެ އިތުރުން އިންތިހާބީ ރައީސް މުޢިއްޒު ވިދާޅުވީ ހިނގަމުންދާ މިދާ ސަރުކާރުގައި ކައުންސިލްތައް ހިންގަން ދަތިތަކާއި ކުރިމަތިވެގެންދިޔަ ކަމަށެެވެ. އެގޮތުން ސަރުކާރުން ދޭންޖެހޭ ހުއްދަތައް ނުދިނުމުގެ ސަބަބުން ބައެއް ކަންކަން ނުނިމި ދިގުލައިގެންދިޔަ ކަމަށް މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ހުއްދަ ނުލިބިގެން ނުނިމި ހުރި ބޮޑެތި މަސައްކަތްތައް ކުރިއަށް ގެންދިއުމަށް، ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ހުއްދަ ދެއްވާނެ ކަމަށެވެ. އަދި ދެން މި މިއަންނަ ސަރުކާރަކީ، މާލޭގެ ރައްޔިތުން އެދޭ ކަންކަން ހަގީގަތަކަށް ހަދައިދޭނެ ސަރުކާރެއް ކަމަށް މުޢިއްޒު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން