އިންތިގާލީ އޮފީހުގެ ބަޖެޓް އެކުލަވާލާ 8 މެންބަރުންގެ ކޮމިޓީގެ ޗެއާއަކަށް ރައްޔިތުންގެ މަޖިލީހުގެ މާވަށު ދާއިރާގެ މެންބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު އައްޔަންކޮށްފިއެވެ.

މިއަދު އިންތިޤާލީ އޮފީހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ވިދާޅުވީ މީގެ ކުރިން މި ކޮމެޓީ އެކުލަވާލީ 7 މެންބަރުން ހިމެނޭ ގޮތަށް ކަމަށެވެ. އެހެން ނަމަވެސް، މިހާރު އެ ކޮމެޓީއަށް އެއް މެންބަރަކު އިތުރަން އިންތިޤާލީ އޮފީހުން ނިންމި ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ކުރިން އިޝާރާތް ކޮށްލާފައިވާނެ އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ ފަރާތްޕުޅުން 2024 ވަނަ އަހަރުގެ ދިވެހި ދައުލަތުގެ ބަޖެޓްގެ މަސައްކަތްތައް ކުރުމަށް ކޮމެޓީއެއް އެކުލަވާލެއްވި ވާހަކަ. އޭރު އަޅުގަނޑުމެން ފާހަގަކޮށްފައިވާނެ 7 ބޭފުޅުންގެ ވާހަކައެއް. އެހެންނަމަވެސް އެއަދަށް ކުޑަ ބަދަލެއް އައިސްފައިވަނީ. މިހާރު އެކޮމެޓީގައި ޖުމްލަ 8 ބޭފުޅުން ހިމެނިވަޑައިގަންނަވާ." ފިރުޒުލް ވިދާޅުވިއެވެ.

ސަޢީދުގެ އިތުރަށް މި ކޮމެޓީގައި ހިމެނިވަޑައިގަންނަވަނީ ކުރީގެ ނައިބު ރައީސް ޢަބްދުﷲ ޖިހާދު، މަޖިލީހުގެ ގުރައިދޫ ދާއިރާގެ މެންބަރު މުޙައްމަދު ގައްސާން މައުމޫން، ކުރީގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު، ކުރީގެ ފިނޭންސް މިނިސްޓަރު އަޙުމަދު މުނައްވަރު، އެމްއެމްއޭގެ ކުރީގެ ގަވަރުނަރު އަޙުމަދު ނަސީރު، އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުޙައްމަދު ލުވޭޒް އަދި ޕެންޝަން އޮފީހުގެ ކުރީގެ ބޯޑް މެންބަރު ޢަބްދުލް ހަލީމް ޢަބްދުއްލަތީފްއެވެ.

ފިރުޒުލް ވިދާޅުވީ މިވަގުތު ބަޖެޓާއި ބެހޭގޮތުން ލަފާކުރެވޭ އަދަދެއް ވިދާޅުވުމަށް ދަތި ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން