މިނިސްޓްރީތަކުގެ ދަށުން ހިންގާ އިދާރާތަކަށް ސިޔާސީ ނުފޫޒު ވަންނަ ކަމުގެ ޝަކުވާ ލިބުނު ކަމަށް އިންތިޤާލީ އޮފީހުން ހާމަކޮށްފިއެވެ.

އިންތިޤާލީ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާޙަކަދައްކަވަމުން އެއޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު ވިދާޅުވީ އިންތިޤާލީ މަރުހަލާގެ ތެރޭގައި މިދުވަސްކޮޅު ދައުލަތުގެ އެކި ވުޒާރާތަކާއި މުއައްސަސާތަކުގެ އިތުރަށް ކުންފުނިތަކާއިިވެސް ބައްދަލުކުރެވިފައިވާ ކަމަށެވެ. އަދި އެ ބައްދަލުވުންތަކުގެ ތެރެއިން ސަރުކާރުގެ ނުފޫޒާއި ގުޅިގެން މިނިސްޓްރީތަކުގެ ބެލުމުގެ ދަށުން ހިންގާ ބައެއް އޮފީސްތަކަށް މިނިވަންކަމާއިއެކީ މަސައްކަތްކުރުމުގައި ދަތިތައް ކުރިމަތިވާ ކަމުގެ ޝަކުވާ ލިބުނު ކަމަށް ފިރުޒުލް ވިދާޅުވިއެވެ.

އެގޮތުން، އިލްމީ މަސައްކަތްތައް ކުރުމަށް އުފައްދާފައި ހުރި ބައެއް އިދާރާތަކުގެ ތެރެއަށް ސިޔާސީ ނުފޫޒް ވަދެފައިވާތީ، ގާނޫނުން ފަހިކޮށްދީފައިވާ ޒިންމާ އަދާ ކުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުން އަންނަކަން ފާހަގަކުރި ކަަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.

"މިނިސްޓްރީއެއްގެ ބަލަދުވެރިކަމުގެ ދަށުގައި ހުންނަ ނުވަތަ ރޭވިފައި ހުންނަ މުއައްސަސާތަކަކީ އޭގެ ޒާތުގައި އިލްމީ ފަންނީ، މަސައްކަތްތަކެއް ކުރުމަށް ގާނޫނު ތަސައްވަރުކޮށްފައި ހުންނަ މުއައްސަސާތައް. ނަމަވެސް އެ މުއައްސަސާތަކުން އެބަ ފާހަގަ ކުރައްވާ އެބޭފުޅުންގެ މަސައްކަތްތަކުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަނުމުގެ ސަބަބުން އެބޭފުޅުންގެ ޒިންމާ، ގާނޫނުން ތަސައްވަރުކުރައްވާފައި އޮންނަ ޒިންމާ އަދާ ކުރެއްވުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަން،" ފިރުޒުލް ވިދާޅުވިއެވެ.

މީގެ އިތުރުން އެތަންތަނަށް ލިބެންޖެހޭ އިންސާނީ ވަސީލަތާއި ބަޖެޓް އަދި އެހެނިހެން ވަސީލަތްތައް ނުލިބުމުގެ ސަބަބުން އެއިދާރާތަކުން ކުރަން ބޭނުންވާ ފަންނީ ބައެއް މަސައްކަތްތަކަށް ހުރަސް އެޅިގެންދާ ކަމުގެ ޝަކުވާތައް ލިބުނުކަމަށް ފިރުޒުލް ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން