އިޓަލީވިލާތުގައި ބާއްވާ އެންމެ ބޮޑު ފަތުރުވެރިކަމުގެ ފެއަރގައި ރާއްޖެ އިޝްތިހާރުކޮށްފިއެވެ.

އިޓަލީގެ ރިމިނީ އެކްސްޕޯ ސެންޓަރުގައި މިމަހުގެ 11 އިން 13އަށް ކުރިއަށްދިޔަ ޓީޓީޖީ ޓްރެވެލް އެކްސްޕީރިއަންސް 2023ގައި ރާއްޖެ އިޝްތިހާރުކުރުމުގައި ހަރަކާތްތެރިވެފައިވަނީ މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީއާއި ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް އަމިއްލަ ކުންފުނިތަކުންނެވެ.

ޓީޓީޖީ ޓްރެވަލް އެކްސްޕީރިއަންސް އަކީ އިޓަލީގައި ފަތުރުވެރިކަން ޕްރޮމޯޓް ކުރުމަށް ބާއްވާ އެންމެ މުހިންމު އެއް ފެއަރއެވެ. މި ފެއާގައި އެމްއެމްޕީއާރުސީއާއެކު ޖުމްލަ 33 ކޯ އެގްޒިބިޓަރުން ބައިވެރިވިކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

މިފެއަރގައި ފަތުރުވެރިކަމުގެ އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނަށް އެ ފަރާތްތަކުގެ އުފެއްދުންތަކާއި ހިދުމަތްތައް އިންޑަސްޓްރީގެ ޕްރޮފެޝަނަލުންނާއި ކޮންސިއުމަރުންނަށް ފުޅާ ދާއިރާއެއްގައި ހުށަހެޅުމުގެ ގިނަ ފުރުސަތުތަކެއް ލިބިގެންދިޔަކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.

މި ފެއާއަކީ އިންޑަސްޓްރީގެ ޕާޓްނަރުންނަށް އެންމެ ފަހުގެ ޕްލޭންތައް އިއުލާންކޮށް އާ ޕާޓްނަރުންނާ ގުޅިގެން މަސައްކަތް ކުރުމަށް ލިބުނު ރަނުގެ ފުރުސަތެއްގެ ގޮތުގައި އެމްއެމްޕީއާރުސީން ވަނީ ފާހަގަކޮށްފައެވެ.

މި އިވެންޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ޕްރޮޑަކްޓްތައްކަމަށްވާ ރިސޯޓް، ގެސްޓްހައުސް، ލިވަބޯޑް، އަދި ސިޓީ ހޮޓަލްތަކުން ފަތުރުވެރިންނަށް ފޯރުކޮށްދޭ ޚާއްޞަ ހިދުމަތްތަކާއި ތަފާތު ތަޖުރިބާތައް ދައްކާލާފައި ވެއެވެ.

އިޓަލީގެ މާކެޓަކީ ރާއްޖެއަށް މުހިންމު މާކެޓެކެވެ. ކޯވިޑްގެ ކުރިން 2019 ވަނަ އަހަރު އިޓަލީއަކީ 3ވަނަ ޓޮޕް ސޯސް މާކެޓެވެ. ވޭތުވެދިޔަ އަހަރާ އަޅާބަލާއިރު 2023 ވަނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ މާކެޓުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު ވަނީ 31.1 އިންސައްތަ އިތުރުވެފައެވެ. އިޓަލީއިން ރާއްޖެއަށް މިއަހަރުގެ މިހާތަނަށް ޖުމްލަ 84,093 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން