ވެރިކަމުގެ ހުވާކުރެއްވުމަށްފަހު އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެންމެ ފުރަތަމަ ވަޑައިގަންނަވާނެ ޤައުމަކާއިމެދު އަދި ގޮތެއް ނުނިންމަވާ ކަމަށް އިންތިޤާލީ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލު ވިދާޅުވެއްޖެއެވެ.

"ރަސް އޮންލައިން" އަށް މައުލޫމާތުދެއްވަމުން ފިރުޒުލް ވިދާޅުވީ ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގެންނެވުމަށްފަހު އެންމެ ފުރަތަ ވަޑައިގަންނަވާ ގައުމަކީ ސައުދީ އަރަބިއްޔާ ކަމަށް ބައެއް މީޑިއާތަކުން ރިޕޯޓްކުރިޔަސް އަދި މިވަގުތަށް އެއާއި ބެހޭގޮތުން އިންތިޤާލީ އޮފީހަށް ކޮމެންޓް ކުރެވެން ނެތް ކަމަށެވެ. އަދި މިވަގުތު އެ އޮފީހުން ދަނީ އެކަމާއި ގުޅޭގޮތުން މަޝްވަރާކުރަމުން ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.

"މީޑިއާތަކުން ސުވާލު ކުރީމަވެެސް ޕްރެސްގަވެސް އަޅުގަނޑު ދެންނެވިން މަޝްވަރާތައް ކުރެވެމުންނޭ ދަނީ. އަދި މީޑިއާއަށް ހާމަކުރެވޭ ވަރަށް އެކަންކަން ފައިނަލްވެފައެއް ނެތޭ ދެންނެވިން. އަދި މަޝްވަރާތައް ހިނގަމުން ދަނީ. ކޮންފާމްއެއް ނުވޭ." ފިރުޒުލް ވިދާޅުވިއެވެ.

މިފަހުން ރާއްޖޭގެ ވެރިކަމަށް ވަޑައިގެންނެވި ގިނަ ބޭފުޅުން ހުވާކުރެއްވުމަށްފަހު އެންމެ ފުރަތަަމަ ޒިޔާރަތް ކުރައްވާ ގައުމަކަށް ވެފައި ވަނީ އަވަށްޓެރި އިންޑިއާއެވެ. ނަމަވެސް ޕީޕީއެމް، ޕީއެންސީ އަކީ އިންޑިއާއިން ރާއްޖެއާމެދު މިހާރު ގެންގުޅޭ ސިޔާސަތުތަކާ އެހާ ގަޔާވާ ދެޕާޓީއަށް ނުވާތީ ޑރ. މުއިއްޒުގެ ރައީސް ކަމުގައި އެންމެ ފުރަތަަމަ ވަޑައިގަންނަވާނެ ބޭރުގެ ގައުމަކާމެދު އަދި އޮތީ ސުވާލެއްގެ ތެރޭގަ އެެވެ.

އަންނަ މަހުގެ 17ގައި ޑރ. މުޢިއްޒު ރައީސްކަމުގެ ހުވާކުރައްވާނެއެވެ. ޑރ. މުޢިއްޒު ރައީސްކަމުގެ ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ ޖުމްހޫރީ މައިދާނުގައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން