ރައްޔިތުންގެ މަޖިލީހުގެ އިދާރީ މަސައްކަތްތަކާއި ހިންގުމުގެ ހަރަދަށް 187 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅައިފިއެވެ.

މިއަދު ބޭއްވި އާއްމު ކޮމިޓީގެ ބައްދަލުވުމުގައި ވަނީ އަންނަ އަހަރަށް ލަފާކުރާ މަޖިލީހުގެ ބަޖެޓާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. އެގޮތުން މި ބައްދަލުވުމުގައި މަޖިލީހުގެ އިދާރާއިން ވަނީ އަންނަ އަހަރު މަޖިލިސް ހިންގުމަަށް 187 މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަމަށް ލަފާކޮށްފައެވެ. މިއީ މި އަހަރަށް ފާސްކޮށްދިން 182 މިލިއަން ރުފިޔާގެ ބަޖެޓާއި އަޅާބަލާއިރު އިތުރު އަދަދެކެވެ.

މިއަހަރަށްވުރެ އަންނަ އަހަރަށް ފާސްކުރާ ބަޖެޓް ބޮޑުވާނެކަމަށް މަޖިލީހުން ލަފާކުރަނީ އަންނަ އަހަރު އިތުރަށް އިންތިހާބު ކުރާ މެމްބަރުންގެ ހަރަދުތައް ހަމަޖައްސަން ޖެހޭނެތީ ކަމަށް މަޖިލީހުން ބުނެއެވެ.

މަޖިލީހުގެ އިދާރާއިން އާއްމު ކޮމިޓީގައި ބުނީ މި ދައުރުގައި ބަޖެޓް ކޮމިޓީ އެކުލަވާލުން ލަސްވަމުންދާތީ އެ އިދާރާއިން ފިނޭންސް މިނިސްޓްރީއަށް ބަޖެޓު ހުށަހަޅާފައިވާކަމަށެވެ. އަދި މަޖިލީހުގެ އިދާރާއިން އާއްމު ކޮމިޓީއަށް ހުށަހަޅާފައިވާ ބަޖެޓަކީ ފިނޭންސް މިނިސްޓްރީގެ މަޝްވަރާއާއެކު އެކުލަވާލާފައިވާ ބަޖެޓެއްކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައި ވެއެވެ.

އަންނަ އަހަރު މަޖިލިހަށް އަލަށް އައްޔަންކުރާ ހަ ދާއިރާއެއް ހިމެނެއެވެ. އޭގެތެރޭގައި ހިމެނެނީ ބ. އަތޮޅަށް އެއް ގޮނޑި، ކ. އަތޮޅަށް އެއް ގޮނޑި، މާލެއަށް ދެ ގޮނޑި، ގއ. އަތޮޅަށް އެއް ގޮނޑި އަދި އައްޑުއަށް އެއް ގޮނޑިއެވެ.

މާބޮޑު މަސައްކަތެއް ނުކުރިޔަސް އަންނަ އަހަރު މަޖިލިހަށް ޖުމްލަ 93 މެމްބަރުން އައްޔަންކުރާނެއެވެ. ރައްޔިތުން ދެކޭގޮތުގައި މަޖިލީހަކީ ބޭކާރު ހަރަދުކޮށް، ބޭކާރު ވަގުތުތަކެއް ދުއްވާލުމަށް އޮންނަ މުއައްސަސާއެކެވެ. މިހާރުވެސް އެ މަޖިލިސް ހުއްޓިފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެއެވެ. ނަމަވެސް ދިވެހި ރައްޔިތުންގެ ފައިސާއިން މިއަހަރުވެސް 182 މިލިއަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ވަނީ ދީފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން