ދިވެހި ބަހުގެ އެކެޑެމީއަށް އެއްވެސް ސިޔާސީ ނުފޫޒެއް ފޯރުވާފައި ނުވާނެކަމަށް ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން މިއަދު ވިދާޅުވެއްޖެއެވެ.

އެކަމަނާ މިހެން ވިދާޅުވީ އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ދެެއްކެވި ވާހަކަ އަކަށް ރައްދުދެއްވަމުންނެެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިރުޒުލް ވިދާޅުވީ މުސްތަގިއްލު މަސައްކަތްތައް ކުރާ ދިވެހި ބަހުގެ އެކެޑަމީފަދަ މުއައްސަސާތަކާއި ބައްދަލުކުރާއިރު ސިޔާސީ ނުފޫޒުގެ ސަބަބުން މަސައްކަތްތަކަށް ދަތިތަކެއް ކުރިމަތިވަމުންދާކަމަށެވެެ.

އެކަމަށް ރައްދު ދެއްވައި ހެރިޓޭޖް މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވީ ދިވެހި ބަހުގެ އެކަޑަމީއަށް އެއްވެސް ސިޔާސީ ނުފޫޒެެއް ފޯރުވައިފައި ނުވާނެ ކަމަށެވެެ. އަދި އެ އެކެޑެމީ ހިނގަމުން އައިސްފައިވާނީ ޤާނޫނީ ވެރީންގެ ދަށުންކަމަށާއި، އެތަނުގައި ސިޔާސީ ވެރިއެއް ނުވެސް ހުންނާނެކަމަށް ޔުމްނާ ވިދާޅުވިއެވެ.

އެހެން ނަމަވެސް އެކެޑެމީ އޮންނަނީ މިނިސްޓްރީގެ ދަށުން ހިނގާ އިދާރާއެއްގެ ގޮތުގައި މެންޑޭޓު ކުރައްވާފައިކަމަށް ޔުމްނާ ވިދާޅުވިއެވެ. ޔުމްނާ ވިދާޅުވީ ޖަވާބު ދާރީ ވާންޖެހޭ ވަޒީރަކީ އެކަމަނާ ކަމުން އެކެޑެމީގެ ކަންކަން ހިނގާ ގޮތް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާކަމަށެވެ.

ބަޖެޓުގެ ދަތިކަން ހުރިކަމާއި، އަދި އިންސާނީ ވަސީލަތްތައް ނުލިބޭކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވެފައިވާތީ، އެކަމަށް ވެސް ޔުމްނާ ވަނީ ރައްދުދެއްވާފައެެވެ. އެކަަމަނާ ވިދާޅުވީ ފައިސާގެ ކަންކަން ކުރިއަށް ގެންދަން ޖެހެނީ މާލިއްޔަތު ގާނޫނާއި އެއްގޮތަށް މިނިސްޓްރީގެ މާލީ ޒިންމާދާރު ވެރިޔާގެ ބެއްލެވުމުގެ ދަށުން ކަމަށް ދެކިވަަޑައިގަންނަވާ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން