ކުރީގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހުންނަވާ އުފެއްްދެވި ދަ ޑިމޮކްރެޓްސްގެ އެތެރޭގެ މަގާމުތަކަށް ކުރިމަތިލުމުގެ ފުރުސަތު އެޕާޓީން މިއަދު ހުޅުވާލައިފި އެވެ.

ޑިމޮކްރެޓްސް އިން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ އެތެރޭގެ މަގާމުތަކަށް ވާދަކުރުމަށް ފޯމު ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ 15 ގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެޕާޓީގެ އެތެރޭގެ އިންތިހާބު ބާއްވާގޮތަށް ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު 02 ވަނަ ދުވަހު ކަމަށް އިއުލާނުގައި ބުނެފައިވެއެވެ.

ޑިމޮކްރެޓްސްގެ އިއުލާނުހައި ބުނީ އެތެރޭގެ އިންތިހާބުގައި ވޯޓު ދެވޭނީ ނޮވެމްބަރު 20 ގެ ކުރިން ޕާޓީއަށް ސޮއި ކުރާ މެމްބަރުންނަށް ކަމަށެވެ. ޑިމޮކްރެޓްސް އަށް އޮންލައިންކޮށް ވެސް ފޯމުތައް ހުށަހެޅޭނެ ކަމަށް އެޕާޓީން އެވެ.

ޑިމޮކްރެޓްސްއިން ކުރިމަތިލުމަށް ހުޅުވާލައިފައިވަނީ ޕާޓީއަށް ރައީސަކު ހޮވުމަށާއި، ތިން ނައިބު ރައީސް އާންމު، އަންހެން އަދި ޔޫތު ވިންގެ އިތުރުން ވިމެން ޑިމޮކްރެޓްސް ލީޑަރާއި، ޔަންގް ޑިމޮކްރެޓްސް ލީޑަރު ކަމަށެވެ.

މީގެއިތުރުން ޕާޓީގެ އަތޮޅު ރައީސާއި، އަތޮޅު ނައިބު އަދި އަތޮޅު ވިމެން ޑިމޮކްރެޓް ލީޑަރު އަދި އަތޮޅު ޔަންގް ލީޑަރު ވެސް ހޮވުމަށް އިއުލާނުގައި ވެއެވެ. އަދިި މި އިންތިހާބުގައި ދާއިރާ ތަކުގެ ރައީސުން އިންތިހާބު ކުރާނެ ކަމަށް ޑިމޮކްރެޓްސްއިން ވަނީ ބުނެފައެވެ.

ޑިމޮކްރެޓްސް އަކީ އެމްޑީޕީން ވަކިވެގެންދިޔަ ބޭފުޅުން ކޮޅެއް ގުޅިގެން އުފެއްދި ޕާޓީއެކެެވެ. އެޕާޓީގެ ފަރާތުން ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބް ވަނީ މިއަހަރު ރިޔާސީ އިންތިހާބުގައި ވާދަކުރައްވާފައެވެ. 15000 އަށް ވުރެ ގިނަ ވޯޓް ހޯއްދައިގެން އިލްޔާސް ވަނީ މި އިންތިހާބުގައި 03 ވަނަ ހޯއްދަވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން