ޕީޕީއެމް-ޕީއެންސީގެ ސަރުކާރު ވާނީ ދިވެހީންގެ ނަމާ އަބުރު ބައިނަލްއަޤްވާމީ މަސްރަޙުގައި އުފުލައިދޭނެ ސަރުކާރަކަށް ކަމުގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ރާއްޖޭގައި ފާހަގަކުރާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާޞަބަތުގައި އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ފޮނުއްވި ޚިތާބުގައި ވިދާޅުވީ އާސަރުކާރު ވާނީ ދިވެހީންގެ ރީތި އުޅުމާ ގުޅުމާ ގޮތްފޮތް ދަމަހައްޓައި، ދިވެހީންގެ ނަމާ އަބުރު ބައިނަލްއަޤްވާމީ މަސްރަޙުގައި އުފުލައިދޭނެ ސަރުކާރަކަށް ކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވިގޮތުގައި ވޭތުވެ މިދިޔަ ދިގު މާޒީގައި ސައްތައިން ސައްތަ މުސްލިމް ޤައުމެއްގެ ގޮތުގައި ދިވެހިން ދެމިތިބި ކަމީ މުޅި ދުނިޔެއަށް ނަމޫނާއެއް ކަމަށެވެ. މިއަދުގެ ދުނިޔޭގައި، ފިކުރީގޮތުންނާ، އިޤްތިޞާދީގޮތުންނާ، އަދި އިސްތިރާތީޖީގޮތުން ކުރިމަތިވާ ތަފާތު އެކި ގޮންޖެހުމަކާވެސް ދިވެހި ޤައުމު އިސްކޮށްގެން، ދިވެހީންގެ މަޞްލަޙަތު ކުރިއަށް ނެރެގެން ކުރިމަތިލުމަކީ ދިވެހި ރައްޔިތުން އެދޭގޮތް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

17 ނޮވެމްބަރުގައި ޤާއިމުވާ ޕީޕީއެމް-ޕީއެންސީ އަދި ގުޅިފައިވާ ޕާޓީތައް ބައިވެރިވާ ސަރުކާރުވާނީ، އިސްލާމްދީނާ ދިވެހީންގެ ޤައުމިއްޔަތަށް އެންމެ އިސްކަންދޭ ވެރިކަމަކަށް ކަމަށާއި މި ޤައުމުގެ އިސްތިޤްލާލާ ފަޚުރުވެރިކަން ނަގަހައްޓައިދޭ ސަރުކާރަކަށް އެ ސަރުކާރު ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އިސްލާމްދީން މަތީ ދިވެހީން ފައިތިލަ ސާބިތުކުރިތާ ހިޖުރީގޮތުން 9 ޤަރުނު ފުރިހަމަވާން ބާކީ އޮތީ 3 އަހަރުކަމަށް ވާއިރު، މި ޤައުމަށް އެންމެ ހެޔޮ ބަދަލެއް ގެނުވި ތާރީޚީ ހާދިސާއަކީ ރާއްޖެ އިސްލާމްވުމެވެ. ދިވެހީންގެ މިނިވަންކަމާ، ރިވެތި އާދަކާދަތަކާ، މުއްސަނދި ޘަޤާފަތާ، އެއްބައިވަންތަކަމުގެ ހަގީގީ ނާރެހަކީވެސް މާތްވެގެންވާ އިސްލާމްދީނެވެ. އިސްލާމްދީނުގެ މަތިވެރި ޢަޤީދާއާ ތެދުމަގުގައި ދިވެހި އުންމަތް ތާއަބަދަށް ލެހެއްޓެވުން އެދި ކީރިތިﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމެވެ." ޑރ. މުޢިއްޒުގެ ބަޔާނުގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން