ކަންކަން ނުވާނެ ވާހަކަ ދެއްކުން ހުއްޓާލައި، ދިވެހިން ހަވާލު ކުރި ޒިންމާ އަދާކުރުމަށް މަސައްކަތް ކުރުމަށް ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަލީ ނަޒީރު އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒަށް ގޮވާލައްވައިފިއެވެެ.

ރާއްޖެ ޓީވީގެ ޕްރޮގުރާމެއްގައި ރޭ ވާހަކަ ދައްކަވަމުންހޯމް ސްޓޭޓް މިނިސްޓަރު އަދި އަދާލަތު ޕާޓީގެ ތަރުޖަމާނު އަލީ ނަޒީރު ވިދާޅުވީ، މިވަގުތަކީ އިންތިހާބީ ރައީސްގެ އަލަށް އުފެދޭ ސަރުކާރުން ޝަކުވާ ކުރަންވީ ވަގުތު ނޫން ކަމަށާއި މިވަގުތަކީ ރައްޔިތުން ހަވާލުކުރި ޒިންމާ އަދާކުރަންވީ ވަގުތު ކަމަށެެވެ. އަދި ރިޔާސީ ކެމްޕޭންގައި އިދިކޮޅު ފަރާތްތަކުން ދެއްކީ ސިއްހީ ދާއިރާއާއި ކުންފުނިތައް ހިންގާނެ ފައިސާ ނެތް ވާހަކަ ކަމަށާއި އެގޮތަށް އެކަން އޮތްނަމަވެސް ގައުމު ހިންގާނެ ކަމަށް ބުނެ މިހާރު އެކަން ނުވާނެ ކަމަށް ބުނުމަކީ ގޯސް އަލާމާތެއް ކަމަށް ނަޒީރު ވިދާޅުވިއެެވެ.

އޭނާ ވިދާޅުވީ ރައްޔިތުން އެކަމަށް އިތުބާރު ކޮށް ވެރިކަން ހަވާލުކުރުމުން އެ އިތުބާރު މުގުރާލަން ނުވާނެ ކަމަށެވެ. އަދި އައު ސަރުކާރަށް ކަމެއް ނުވެއްޖެނަމަ މި ސަރުކާރަށް އެ އިލްޒާމުތައް އެޅުވުމަށް މިހާރު މަސައްކަތް ފަށާފައިވާ ކަމަށް ނަޒީރު ވިދާޅުވިއެވެ.

"ރަައްޔިތުން އިތުބާރުކޮށް ވެރިކަން ހަވާލުކުރީމަ މިއީ ޝަކުވާ ކުރަންވީ ވަގުތެއް ނޫން، އެބޭފުޅުން ވިދާޅުވެފައި އޮތީ ފުރަތަމަ ދުވަހުން ފެށިގެން ހުރިހާ ކަމެއް ބަރާބަރަށް ކުރިއަށް ގެންދާނަމޭ އެހެންވީމަ އެ މަންޒަރު ދެކެން އަޅުގަނޑުމެން ބޭނުންވަނީ. އިންތިހާބީ ސަރުކާރެއް އޮފީހަށް ވަންނަން އުޅޭ މަރުހަލާ ތެރޭގައި ދައްކަން ރަނގަޅު މަންޒަރެއް ނޫންމިހާރު އެ ދައްކަނީ. ދިވެހިން ބޭނުންވަނީ އުއްމީދީ ގޮތަކަށް ސަރުކާރުން ފެށިގެން އަންނަން." ނަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން ނަޒީރު ވިދާޅުވީ މުއިއްޒުގެ ސަރުކާރު ފެނިގެންދާނީ ވަރަށް ތަފާތު ސަރުކާރެއްގެ ގޮތުގައި ކަމަށެެވެ. އެމަނިކުފާނާއި އެކުގައި ތިއްބެވި ތަފާތު ވިސްނުމުގެ ބޭފުޅުންނާއެކު މަސައްކަތް ކުރެއްވުމަކީ މުއިއްޒަށް ކުރިމަތިވެވަޑައިގަންނަވާނެ ބޮޑު ގޮންޖެހުމަކަށްވާނެ ކަމަށް ނަޒީރު ވިދާޅުވިއެވެ. އަދި މުޢިއްޒުގެ ސަރުކާރަށް ޖެއްސުންކޮށް އުނދަގޫ ކުރުމުގެ ވިސްނުމެއް އަދާލަތު ޕާޓީން ނުގެންގުޅޭ ކަމަށާއި ބޭނުންވަނީ އިންތިހާބީ ރައީސް މުއިއްޒު ވެވަޑައިގެންފައިވާ ވައުދުތައް ފުއްދުމުގައި އެހީތެރިވާ ޕާޓީއެއްގެ ގޮތުގައި އޮތުމަށް ކަމަށް ނަޒީރު ވިދާޅުވިއެެވެ.

މީގެއިތުރުން އާ ސަރުކާރުގެ ވައުދުތައް ނުފުއްދޭނަމަ ރައްޔިތުންގެ ޙައްގުގައި ވާދަވެރި ސިޔާސީ ޕާޓީއަކުން ކުރަން ޖެހުނު ކޮންމެ ކަމެއް އަދާލަތު ޕާޓީން ކުރާނެ ކަމުގެ ޔަގީން ކަން ނަޒީރު ވަނީ ދެއްވާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން