ފަލަސްތީނުގެ ބިމުން ޔަހޫދީން ފޭރިގަނެގެން އުޅޭ ސަރަހައްދު، ނުވަތަ ޔަހޫދީން ކިޔާ ނަމުން ނަމަ އިސްރާއީލަށް ވަޑައިގަތުމަށް އެމެރިކާގެ ރައީސް ޖޯ ބައިޑަން ނިންމަވައިފިއެވެ.

އެމެރިކާގެ ރައީސް އެ ސަރަހައްދަށް މި ވަޑައިގަންނަވަނީ އިންސާނީ ދަރިފަސްކޮޅެއް ނެތިކޮށްލުމަށް އިޒްރާއީލުގެ ސިފައިން ފަލަސްތީނުގެ ޣާޒާއަށް ވަރުގަދަ ހަމަލާތަކެއް ދެމުން ގެންދާ ދަނޑިވަޅެއްގައެވެ.

އެމެރިކާގެ ވައިޓް ހައުސްއިން ބުނާގޮތުން ބައިޑަން މެދުއިރުމައްޗަށް ވަޑައިގަންނަވާނީ މާދަމާއެވެ. އަދި ފުރަތަމަ ޓެލް އެވީވަށް ވަޑައިގަތުމަށްފަހު، މިސްރުގެ ގާހިރާއަށްވެސް މި ދަތުރުފުޅުގައި ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

ބައިޑަންގެ ދަތުރުފުޅުގެ މައިގަނޑު މަގްސަދަކީ ޔަހޫދީންނަށް އެމެރިކާގެ ތާއީދު އޮތްކަން ހާމަކޮށްދިނުމެވެ. އަދި ގާޒާއަށް އިންސާނީ އެހީ ފޯރުކޮށްދެވޭނެ ގޮތެއް ހޯދުމަކީވެސް ކުރައްވާނެ މަސައްކަތެއް ކަމަށް ހަބަރުތައް ބުނެއެވެ.

ބައިޑަން އިޒްރާއީލަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެމެރިކާގެ ހާރިޖީ ވަޒީރު އެންތަނީ ބްލިންކަން މިވަގުތު ހުންނެވި އިސްރާއިލުގައެވެ. އޭނާ ވަނީ ޔަހޫދީންގެ އިތުރުން، މިސްރާއި އުރުދުން، އަދި ސައުދީގެ ވެރިންނާއެކުވެސް ހަނގުރާމައާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހު އިސްރާއީލާއި ހަމާސް ޖަމާއަތާއި ދެމެދު ފެށުނު ހަނގުރާމައިގައި މިހާތަނަށް ފަލަސްތީނުގެ 2800 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދުވެފައެވެ. އަދި ޔަހޫދީންގެ 1500 އެއްހާ މީހުން މަރުވެފައިވާއިރު، އެމީހުންގެ ތެރެއިން 200 އެއްހާ މީހުން ވަނީ ހަމާސްގެ އަތްދަށުވެފައެވެ.

މި ހަނގުރާމަ ހުއްޓާލާނެކަމުގެ ކޮޅުމަތި ފެނިފައިނުވާއިރު، ގާޒާއަށް އެހީގެ ސާމާނުވެސް ފޯރުކޮށްދިނުމަށް ވަނީ ހުރަސްތައް ކުރިމަތިވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން