އެކަކު އަނެކަކާއި ޒާތީވެ ބަދުބަސް ބުނުން ދޫކޮށްލައި ރިވެތި އަހުލާގާއި އާދަކާދަތައް އަނބުރާ ގެންނަން އިންތިހާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ގޮވާލައްވައިފިއެވެެ.

އިންތިހާބީ ރައީސް މިކަމަށް ގޮވާލެއްވީ މިއަދު ފާހަގަކުރަމުންދާ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބާތުގައި ދީނީ އިލްމްވެރިންނާއެކު މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން އިންތިހާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވީ އެއްވެސް މީހަކާއިމެދު ޒާތީވެ ބަދުބަސް ބުނަންނުޖެހޭނެ ކަމަށެވެ. އަދި އެމަނިކުފާނު ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވީ އެއްވެސް މީހަކާއި ޒާތީނުވެ ބަދުބަހެއް ވިދާޅުނުވެ ކަމަށާއި އެކަން ރައްޔިތުން މިއަދު ބަލައިގެންފައިވާ ކަމަށް ޑރ.މުޢިއްޒު ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ޑރ. މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ރައްޔިތުންވެސް އެކަކު އަނެކާއި ޒާތީވެ ބަދުބަސް ނުބުނުމަށް ކަމަށެވެ. އަދި އެކަކު އަނެކާއި ޒާތީވެ ބަދުބަސް ބުނުން ދޫކޮށްލައި އަޅުގަނޑުމެންގެ ތެރޭގައި ގެއްލިފައިވާ ރިވެތި އަހުލާގާ އާދަކާދަތަކާއި އުޅުމާއި ގުޅުންތައް އަލުން އަނބުރާ ގެންނަންޖެހޭ ކަމަށް މުޢިއްްޒު ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ އަޅުގަނޑުމެންގެ ތެރެއިން ގެއްލިފައިވާ ރިވެތި އާދަކާދަަތައް ނާންނަހާ ހިނދަކު ހަގީގީ މާނައިގައި ގައުމު ތަރައްގީވެގެން ނުދާނެ ކަމަށެެވެ.

"އަޅުގަނޑުމެން އެބަޖެހޭ އެ އަޒުމު އާކުރާ ބަޔަކަށްވާން، މިގައުމު މި މުޖުތަމައު ހީލްވާން އެބަޖެހޭ، އަނބުރާ އެބަޖެހޭ މި ރިވެތި އާދަކާދަތައް ގެންނަން، ގެނެސްގެން ނޫނީ އަޅުގަނޑުމެންގެ މިގައުމުގައި ކިތަންމެ ވަރަކަށް އިމާރަތްތައް ހެދިއަސް ކިތަންމެ ވަރަކަށް ބްރިޖް އެޅިއަސް، ކިތަންމެ ވަރަކަށް ބިންތައް ހިއްކައި އުމްރާނީ ތަރައްގީ ގެނަޔަސް ހަގީގީ ތަރައްގީ އެއް ނާންނާނެ، ނަފްސުގެ މުއްސަނދިކަން، ސިކުނޑީގެ މުއްސަނދިކަން، ހިތުގެ މުއްސަނދިކަން އަނބުރާ ނާންނަހާ ހިނދަކު ހަގީގީ މާނައިގައި ގައުމު ތަރައްގީ އެއް ނުވާނެ." އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ހުވާކުރައްވާ ރާއްޖޭ އަށްވަނަ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވިއެެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން