ދިވެހިންނަށް ލިބުނު އެންމެ މަތިވެރި ނިޢުމަތަކީ އިސްލާމްދީންކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެމްބަރު އޮނަރަބަލް ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޮނަރަބަލް ޤާސިމް އިބްރާހިމް މިހެން ވިދާޅުވީ ރާއްޖެ އިސްލާމްވި ދުވަހުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް ތަހުނިޔާ ދަންނަވާ ކުރެއްވި ޓްވީޓެއްގައެވެ.

ގާސިމްގެ ޓްވީޓްގައި ވިދާޅުވީ ދިވެހީންގެ ހަޔާތުގައި، ދިވެހިޤައުމަށާއި ރައްޔިތުންނަށް ލިބުނު އެންމެމަތިވެރި ނިޢުމަތަކީ ﷲ ގެ ފަޟްލުވަންތަކަމުން ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލްއާޚިރު މަހުގެ 2 ވަނަ ދުވަހު ދިވެހީންނަށް އިސްލާމްދީނުގެ ހިދާޔަތު ލިބިގެން ދިއުންކަމަށެވެ.

ގާސިމްގެ ޓްވީޓްގައި ވަނީ ރާއްޖެ އިސްލާމްވި ދުވަހުގެ ހެޔޮއެދުމާއި ތަޙްނިޔާ ދިވެހި މުސްލިމު އެންމެހާ އަޚުންނާއި އުޚުތުންނަށް އަރިސްކޮށްފައެވެ.



ދިވެހި ތާރީޚުން ފެންނަން އޮތް ގޮތުގައި އިސްލާމްދީނުގެ ހިދާޔަތުގެ އަލިކަން ދިވެހި ޤައުމަށް ލިބުނީ ހިޖުރައިން 548 ވަނަ އަހަރުގެ ރަބީޢުލް އާޚިރު މަހުގެ 2 ވަނަ ދުވަހުއެވެ. އެއީ މީލާދީން 1153 ވަނަ އަހަރުއެވެ. ތާރީޚުން އެނގެން އޮތް ގޮތުގައި ރާއްޖެއަށް އިސްލާމްދީނުގެ ހިދާޔަތު ގެނެސްދެއްވުމުގައި މެދުވެރިއަކަށްވީ ބޭކަލަކީ މަޣުރިބުކަރައިން ވަޑައިގަތް ބޭކަލެއް ކަމަށްވާ އަބުލްބަރަކާތުލް ޔޫސުފުލް ބަރުބަރީއެވެ.

ރާއްޖެ އިސްލާމްވި ދުވަސް ފާހަގަކުރެވެނީ އަބުލްބަރަކާތުލް ޔޫސުފުލް ބަރްބަރީ ރާއްޖެ ވަޑައިގެން، އޭރުގެ ރަސްގެފާނަށް އިސްލާމްދީނުގެ ދަޢުވަތު ދެއްވައި އެ ރަސްގެފާނު އިސްލާމްދީން ޤަބޫލުކުރެއްވުމުންނެވެ. އޭރު ރާއްޖޭގައި ޤަބޫލުކުރަމުން އައީ ބުދު ދީނެވެ. ރަސްކަމުގައި ހުންނެވީ ސްރީތިރިބަވަނަ އާދީއްތިޔަ، މަހާރަދުންނެވެ. އިސްލާމްދީން ޤަބޫލުކުރެއްވުމަށްފަހު މި ރަސްގެފާނުގެ ނަންފުޅު މުޙައްމަދު ބުނު ޢަބްދުﷲ ސިރީ ބަވަނާދީއްތަ މަހާރަދުންގެ ނަންފުޅަށް ބަދަލުކުރެއްވިއެވެ. ދިވެހިންގެ ތެރޭގައި މިރަސްގެފާނު މަޝްހޫރުވެފައިވަނީ ދަރުމަވަންތަ ރަސްގެފާނުގެ ނަންފުޅުންނެވެ.

ދިވެހިރާއްޖެ އިސްލާމްވިތާ މިހަރު މިވަނީ 8 ޤަރުނުފާއިތުވެފައެވެ. ދިވެހިންނަކީ ސައްތައިންސައްތަ މުސްލިމުންނެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 9 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން މުސްލިމަކަށް މެނުވީ ދިވެހި ރައްޔިތަކަށް ނުވެވޭނެއެވެ. އަދި 10 ވަނަ މާއްދާގެ (ހ)ގައި ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް ވަނީ ބަޔާންކޮށްފައެވެ. އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަސްދަރު ކަމަށްވެސް ޤާނޫނު އަސާސީގެ އެ މާއްދާގައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން