ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ، އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ އޮނަރަބަލް ގާސިމް އިބްރާހިމްގެ ފަރާތްޕުޅުން ދިވެހިންނަށް ކީރިތި ގުރުއާނުގެ ތަފްސީރެއް ހަދިޔާ ކުރައްވައިފިއެވެ.

އެތައް ހާސް ދިވެހިންނަކަށް ދީލަތި އެހީތެރިކަން އެތައް ގޮތަކުން ފޯރުކޮށްދެއްވަމުން ގެންދަވާ، އޮނަރަބަލް ގާސިމް އިބްރާހިމްގެ ފަރާތްޕުޅުން ދިވެހި ރައްޔިތުންނަށް ހަދިޔާ ކުރެއްވި ގުރުއާންގެ ތަފްސީރަކީ ސައުދީ އަރަބިއްޔާއިން ނެރެފައިވާ އައްތަފްސީރުލް ވާސިހުލް މުޔައްސިރުގެ ދިވެހި ތަރުޖަމާއެކެވެ.

ގާސިމް އިބްރާހިމް މިއަދު ކުރެއްްވި ޓްވީޓެއްގައި ވަނީ އެ ތަރުޖަމާގެ ޑެސްކްޓޮޕް ވާޝަން ނެރެދެއްވާފައެވެ.

ގާސިމް ވިދާޅުވީ މި މަސައްކަތް ކުރެއްވުމުގެ ޝައުގުވެރިކަން އުފެދުނީ ސައޫދީ އަރަބިއްޔާގެ ހައްޖާއި އުމްރާއާބެހޭ ކުރީގެ ވަޒީރު އައްސައްޔިދު އިޔާދު ބުން އަމީން މަދަނީ ދެއްވި ދައުވަތަކަށް އާއިލާއާއެކު ކުރެއްވި ހައްޖު ދަތުރެއްގައި، މަދީނާގައި ހުންނަ ގުރުއާން ޗާޕުކުރާ ޗާޕުހާނާ ބައްލަވާލެއްވުމަށް ދެއްވި ފުރުސަތުގައި ކަމަށެވެ.

"‏ކީރިތި ޤުރުއާނުގެ ފުރިހަމަ ތަފްސީރެއް ދިވެހިބަހުން އޮތުމުގެ މުހިންމު ކަމުގެ މައްޗަށް ރިޢާޔަތް ކޮށް، ސަޢޫދިޢަރަބިޔާއިން ނެރެފައިވާ التفسير واضح الميسر (އައްތަފްސީރުލް ވާޟިހުލް މުޔައްސިރު) ދިވެހިބަހަށް ތަރުޖަމާކޮށް، ދަރިވަރުންނާއި، ދީނީ ޢިލްމުވެރިންނާއި، އެންމެހާ ދިވެހި އަޚުންނާއި އުޚުތުންނަށް އަޅުގަނޑު މި ވަނީ ހަދިޔާ ކޮށްފައެވެ. ފަސޭހަ ތަފްސީރު ނަމުގައި އެކުލަވާލާފައިވާ މި ފޮތަކީ 6 ވޮލިއުމް ގެ މައްޗަށް އެކުލެވިގެންވާ ތަފްސީރެކެވެ. الله އިރާދަފުޅާ މިންވަރުފުޅުން ލަސްތަކެއް ނުވެ ޗާޕްކޮށް ދިވެހިރާއްޖޭގެ ގިނަ ގޭބިސީ ތަކަށް ތަފްސީރުގެ ކޮޕީއެއް ހަދިޔާ ކުރުމަށް އަޅުގަނޑުވާނީ ނިންމާފައެވެ." ގާސިމް ވިދާޅުވިއެވެ.



ގާސިމް ވިދާޅުވީ ފާއިތުވި ސެޕްޓެމްބަރ މަހުގެ 7 ވަނަ ދުވަހުގެ ރޭ މި ފޮތުގެ ޑެސްކްޓޮޕް ވާޝަން ގެ ސޮފްޓްލޯންޗިން ވާނީ އިފްތިތާޙް ކުރެވިފައިކަމަށެވެ. އަދި މިއަދު ދިވެހިރާއްޖެ އިސްލާމްވީ ދުވަހުގައި މި ފޮތުގެ ވެބްވާޝަން ފުރިހަމަކޮށް، މިރެއިން ފެށިގެން ޢާންމު ކުރެވުނީތީ الله ތަޢާލާއަށް ޙަމްދު ކުރާކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމްގެ ޓްވީޓްގައި ވަނީ މި މަސައްކަތުގައި އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ހިތުގެ ފުން މިނުން ޝުކުރު ދަންނަވާކަމަަށްވެސް ވިދާޅުވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން