ހައްދު ފަހަނައަޅާފައިވާ އިސްރާއީލުގެ ޔަހޫދީ ޓެރަރިސްޓުން ޣައްޒާގެ އަލްއަހްލީ އަރަބް ހޮސްޕިޓަލަށް ހަމަލާދީ ހިންގި ގަތުލުއާންމުގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިން ކަމަށް ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވެެއްޖެއެެވެ.

ޣައްޒާގެ މެދުތެރޭގައި ހުންނަ އަލްއަހްލީ ހޮސްޕިޓަލަށް ބޮން އަޅައި ފަލަސްތީނުގެ 500 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދުކޮށްލާފައެވެ. އިޒްރޭލުގެ ގަތުލްއާންމާއި ގުޅިގެން ހަމާސްގެ ލީޑަރު އިސްމާއިލް ހަނިއްޔާ ވިދާޅުވީ އިސްރާއީލުން ހިންގާ ޖަރީމާތަކަށް އެހީވެދީ، ހިތްވަރުދީ ތާއީދު ކުރަނީ އެމެރިކާއިން ކަމަށެވެ. އެހެންކަމުން މި ގަތުލުއާންމުގެ ޒިންމާ އުފުލަންޖެހޭނީ އެމެރިކާއިން ކަމަށް ހަނިއްޔާ ވިދާޅުވިއެވެ.

ހަނިއްޔާ ވިދާޅުވީ، މި ހަމަލާއިން، ދުޝްމަން ޒަޔަނިސްޓުންގެ ޖައްބާރުކަމާއި އަނިޔާވެރިކަން އިތުރަށް ހާމަވެގެން ހިނގައްޖެ ކަމަށެވެ.

ހަމަ އެއާއެކު، އޮކްޓޫބަރު 7 ގައި ހަމާސްއިން ދޭންފެށި ހަމަލާގައި ދުޝްމަން ބަލިވެފައިވާ މިންވަރުވެސް ގަތުލް އާންމުން ހާމަވެގެންދިޔަ ކަމަށް ހަނިއްޔާ ވިދާޅުވިއެވެ. ހަނިއްޔާ ވަނީ ފަލަސްތީނުގެ ހުރިހާ ރައްޔިތުން ނިކުމެ, ތިބި ތަނަކުން ޔަހޫދިންނާއި ކުރިމަތިލުމަށް ގޮވާލައްވާފައެވެެ.

ހަނިއްޔާ ވިދާޅުވީ ގާޒާގެ ހޮސްޕިޓަލަށް ހަމަލާދީ، އެތައްސަތޭކަ ބަޔަކު ޝަހީދުކޮށް ހިންގި ގަތުލުއާންމު ފޮރުވޭނެ ކަމަށް ދުޝްމަން ހީކުރުމަކީ ކުށްހީއެއް ކަމަށެވެ. އަދި ހަމާސްއާއި ޣައްޒާގެ ރައްޔިތުން ބަލި ގަބޫލުކޮށް އަމާންދޭނެ ކަމަށް ހީކުރުމަކީވެސް ވަރަށް ބޮޑު ކުށް ހީއެއް ކަމަށް ހަނިއްޔާ ވިދާޅުވިއެވެ.

ގާޒާގެ ހޮސްޕިޓަލަށް ބޮންއަޅައި ހިންގި ގަތުލް އާންމަށްފަހު މެދު އިރުމަތީގެ މަޝްރަޙު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން މުސްލިމު ގައުމުތައް ކަމަށްވާ ތޫނިސް ލުބުނާން ޖޯޑަން އުރުދުން ޓިއުނީޝިއާ، ތުރުކީ، ސީރިއާ، އަދި އިރާން ގައިވެސް އެތައް ސަތޭކަ ބަޔަކު ދަނީ މުޒާހަރާކުރަމުންނެެވެ. މީގެ އިތުރުން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާއި ދެކޮޅަށް ފަލަސްތީނުގެ ރައްޔިތުން ނިކުމެ ވަނީ މުޒާހަރާކުރަން ފަށާފައެވެ.

ގާޒާ ހޮސްޕިޓަލަށް ދިން ހަމަލާގައި އެތައް ސަތޭކަ ބަޔަކު މަރުވުމާއި ގުޅިގެން ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސް މިހާރު ވަނީ ގައުމީ ހިތާމައިގެ 3 ދުވަސް އިއުލާން ކުރައްވާފައެެވެ. މި ހަމަލާއަށް ފަހު އެމެރިކާގެ ރައީސް ބައިޑެންއާއެކު ބޭއްވުމަށް ހަމަޖެހިފައިވާ ބައްދަލުވުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް މިހާރު ކެންސަލް ކުރައްވާފައިވާ ކަމަށް މީޑިޔާ ރިޕޯޓްތައް ބުނެއެވެ.

މިހަމަލާގެ ޒިންމާ އިސްރާއިލް ސިފައިން މިހާތަނަށް ނަގާފައެއް ނުވެއެވެ. އިސްރާއީލުގެ ޓެރަރިސްޓު އަސްކަރިއްޔާއިން ބުނީ ހޮސްޕިޓަލަށް އަމާޒުވި ހަމަލާއަކީ، ޣައްޒާގެ އިސްލާމިކް ޖިހާދުން އިސްރާއީލަށް ފޮނުވާލި ރޮކެޓެއް މަގުން ކައްސާލައިގެން އަމާޒުވި ހަމަލާއެއް ކަމަށެވެ. އެހެން ނަމަވެސް ހަމާސްއިން ވަނީ އެކަން ދޮގުކޮށްފައެވެ.

ބައިނަލްއަގުވާމީ ބޮޑެތި ބައެއް މީޑިއާތަކުން ވެސް ބުނެފައިވަނީ އެވަރުގެ ބާރުގަދަ އަދި ތަނެއް ފަނާކޮށްލާވަރުގެ ރޮކެޓެއް ފަލަސްތީނު ހަނގުރާމަވެރިންގެ އަތުގައި ނުހުންނާނެ ކަމަށެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން