ޣައްޒާގެ އަލް-އަހްލީ އަލް އަރަބް ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާ ރާއްޖެއިން ކުށްވެރިކޮށްފިއެވެ.

ޣައްޒާގެ އަލް އަހްލީ ހޮސްޕިޓަލަށް އިޒްރޭލުން ދިން ހަމަލާގައި ފަލަސްތީނުގެ އެތައް ސަތޭކަ މައުސޫމް ބައެއްގެ ފުރާނަ ގެއްލިފައިވާކަން ފާހަގަކޮށް ދިވެހި ސަރުކާރުން ނެރުނު ބަޔާނެއްގައި ރާއްޖެއިން ވަނީ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. ހޮސްޕިޓަލްތަކަށާއި މަދަނީ އިންފްރާސްޓްރަކްޗަރތަކަށް ހަމަލާދީ، އާންމުންނަށް އަމާޒުކޮށްގެން ހަމަލާ ދިނުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނުތަކާއި ކަނޑައެޅިގެން ޚިލާފު ވުން ކަމަށް ދިވެހި ސަރުކާރުން ފާހަގަކުރިއެވެ.



ކުށެއްނެތް ފަލަސްތީން ރައްޔިތުންނަށް ދޭ ލާއިންސާނީ ހަމަލާތައް ހުއްޓުވުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް އެޅެން ހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށް ދިވެހި ސަރުކާރުން ތަކުރާރުކޮށް ގޮވާލާފައިވާކަން މި ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ. އަދި ޣައްޒާއަށް ބޭހާއި ކާބޯތަކެތީގެ ސާމާނާއި އަސާސީ ބޭނުންތައް ފޯރުކޮށްދިނުމަށް މަގު ހުޅުވުން އަވަސް ކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައަށް ރާއްޖެއިން ވަނީ ގޮވާލާފައެވެ.

ރޭގެ ވަގުތެއްގައި އިޒްރޭލުން ވަނީ ޣައްޒާގެ އަލް-އަހްލީ އަލް އަރަބް ހޮސްޕިޓަލަށް ދިން ބޮމުގެ ހަމަލާގައި 500 ވަރަކަށް ފަލަސްތީނުގެ ޢާންމުން ޝަހީދުކޮށްލާފައެވެ. އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވަނީ މި ހަމަލާއަކީ ހަމާސްގެ "ނިރުބަވެރިން" ދިން ހަމަލާއެއް ކަމަށް ވިދާޅުވެފައެވެ. ނަމަވެސް އެކަމުގެ އެއްވެސް ހެއްކެއް އިޒްރޭލަށް ދެއްކިފައި ނުވާކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން ބުނެއެވެ. އަދި އެފަދަ ވަރުގަދަ ރޮކެޓް ހަމަލާއެއް ދިނުމުގެ ގާބިލުކަން ހަމާސްގެ ކިބައިގައި ނުހުންނާނެ ކަމަށްވެސް ބޭރުގެ ތަޖުރިބާކާރުން ބުނެއެވެ.

އޮކްޓޫބަރު ހަތްވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި އިޒްރޭލުން ގާޒާއަށް ހަމަލާތައް ދެމުން އަންނައިރު މި ހަމަލާތަކުގައި ފަލަސްތީނުގެ 3000 އަށް ވުރެ ގިނަ މީހުން ވަނީ ޝަހީދު ވެފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން