ފަލަސްތީނާއި އިސްރާއީލާއި ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން ބާރުއަޅަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު މިހެން ވިދާޅުވީ އިސްރާއީލުން ޣައްޒާގެ ހޮސްޕިޓަލަކަށް ދިން ހަމަލާ ކުށްވެރިކުރައްވައި ކުރެއްވި ޓްވީޓެއްގައެވެ.

ރައީސްގެ ޓްވީޓްގައި ވިދާޅުވީ ޣައްޒާގެ އަލްއަހްލީ ހޮސްޕިޓަލަށް ދިން ހަމަލާއަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާއި ހިލާފު އަމަލެއްކަމަށެވެ. ރައީސްގެ ޓްވީޓްގައި ވަނީ ހަމަލާ ބަދަލުކުރުން ހުއްޓާލުމާއި އެހީގެ ސާމާނު ފޯރުކޮށްދިނުމަށް މަގުފަހިކުރުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުން ބާރު އަޅަންޖެހޭނެކަމަށް ވިދާޅުވެފައެވެ.



ހައްދުފަހަނައަޅާފައިވާ އިސްރާއީލްގެ ޔަހޫދީ ސިފައިން ރޭ ބޮން އަޅާފައި ވަނީ ޣައްޒާގައި ހުންނަ އަލް އަހްލީ ހޮސްޕިޓަލަށެވެ. ފަލަސްތީނުގު ހެލްތު މިނިސްޓްރީން ބުނީ މި ހަމަލާގައި ފަލަސްތީނުގެ 300 ވަރަކަށް މީހުން ޝަހީދުވެފައިވާ ކަމަށް ބެލެވޭ ކަމަށެވެ.

އިސްރާއިލް ސިފައިން ހަމަލާދީފައިވަނީ ހޮސްޕިޓަލްގެ ކޯޓުޔާޑަށެވެ. އެ ތަނުގައި ފަލަސްތީނުގެ އެތައް ރައްޔިތުންނެއް ވަގުތީ ގޮތުން ހިޔާވަހިކަން ހޯދައިގެން ތިބި ކަމަށް ވެސް ހަބަރުތަށް ބުނެއެވެ.

އޮކްޓޯބަރު ހަތްވަނަ ދުވަހުން ފެށިގެން މެދުކެނޑުމެއްނެތި އިޒްރޭލުން ގާޒާއަށް ހަމަލާތައް ދެމުން އަންނައިރު މި ހަމަލާތަކުގައި ފަލަސްތީނުގެ 3000 އަށްވުރެ ގިނަ މީހުން ވަނީ ޝަހީދު ކޮށްލާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން