ދައުލަތުގެ ޚަރަދުތައް ހަމަޖައްސަން 6 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ސަރުކާރުން މަސައްކަތްކުރަމުންދާކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ސަޕްލިމެންޓްރީ ބަޖެޓަކީ ފާސްކުރާ ބަޖެޓުން ކަންކަން ހަމަނުޖެއްސުމުން އިތުރު ފައިސާ ހޯދަން ހުށަހަޅާ ބަޖެޓެކެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުން މަސައްކަތްކުރަމުންދަނީ ބަޖެޓުގެ ބައެއްގެ ގޮތުގައި އިތުރު ހަ ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ލިބޭތޯއެވެ. އަދި މަޖިލީހަށް އެ ބަޖެޓް ހުށަޅަން ތައްޔާރުވަމުންދާކަމަށްވެސް މައުލޫމާތު ލިބެއެވެ. އެގޮތުން މިއަދުގެ ވަގުތެއްގައި ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ފޮނުއްވާނެކަމަށްވެސް ހަބަރުތައް ބުނެއެވެ.

މިއަހަރަށް މަޖިލީހުން ފާސްކޮށްފައިވަނީ 42.84 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ނަމަވެސް އިތުރަށް ބަޖެޓް ހޯދަނީ ކޮން ކަމެއްގެ ހަރަދުތައް ހަމަޖައްސަންކަމެއް ސަރުކާރުން ހާމައެއް ނުކުރެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަޕްލިމެންޓްރީ ބަޖެޓް ހުށަހަޅަނީ ތެލުފެ ސަބްސިޑީއަށް ވުރެ އިތުރަށް ހަރަދުކުރަން ޖެހުމާއި, އާސަންދައިގެ ބަޖެޓު ހުސްވުމުގެ އިތުރުން ސްޓޫޑެންޓް ލޯނާއި ހިލޭ ޑިގްރީގެ ސްކީމަށް ހަރަދުތައް އިތުރުވުމުގެ ސަބަބުން، އެ ހަރަދުތައް ހަމަޖައްސާށެވެ.

ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅަން ސަރުކާރުން މަސައްކަތްކުރަމުންދާއިރު، އަންނަ އަހަރަށް ހުށަހަޅާ ބަޖެޓްގެ މަސައްކަތްވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. ޤާނޫނުގައިވާ ގޮތުން މިމަހުގެ 31 ވަނަ ދުވަހުގެ ކުރިން މަޖިލީހަށް ބަޖެޓް ހުށަޙަޅަންޖެހޭނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން