މަޤާމުން ވަކިކުރާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަ ބާތިލްކުރަން ޤާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން ފާސްނުކޮށް، އަނބުރާ ކޮމިޓީއަށް ފޮނުވާލައިފިއެވެ.

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ އެމްޑީޕީގެ މެންބަރު އިކްރާމް ހަސަން މި އިސްލާހު ހުށަހަޅުއްވާފައިވަނީ ގާނޫނީ ފަންނުގެ ގާނޫނަށެވެ.

އޭނާ ހުށަހަޅާފައިވަނީ ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސުލޫކީ މައްސަލައެއް ބެލުމަށްފަހު ރައްޔިތުންގެ މަޖިލީހަށް ވަކިކުރަން ފޮނުވާ ފަނޑިޔާރުންގެ ވަކީލުކަމުގެ ހުއްދަ ބާތިލްކުރަން ޖެހޭ ގޮތަށް ގާނޫނު އިސްލާހުކުރުމަށެވެ.

މި ބިލު ދިރާސާކޮށްފައިވަނީ ޖުޑިޝަރީ ކޮމިޓީންނެވެ. މިއަދުގެ ޖަލްސާގައި ޖުޑިޝަރީ ކޮމިޓީން ހުށަހެޅި ރިޕޯޓަށް ވޯޓަށް އެހުމުން ބިލު ފާސްނުކުރަން 34 މެންބަރުން ވޯޓު ދެއްވި އެވެ. ރިޕޯޓް ފާސްކުރަން ވޯޓު ދެއްވީ އެންމެ 9 މެންބަރެކެވެ.

ބިލު ފާސްނުވުމުން، ބިލު އަނބުރާ ކޮމިޓީއަށް ފޮނުވާލަން ނިންމީ 35 މެންބަރުންގެ ވޯޓުންނެވެ. މިއީ މި ބިލު އަނބުރާ ކޮމިޓީއަށް ފޮނުވައިލި ދެވަނަ ފަހަރުކަން ފާހަގަކޮށްލެވެެއެވެ.

ބިލުގައި ބުނާ ގޮތުން ފަނޑިޔާރަކު ވަކިކުރަން ޖޭއެސްސީން މަޖިލީހަށް ފޮނުވައި އެ ގޮތަށް މަޖިލީހުން ފާސްކޮށްފިނަމަ، ފަނޑިޔާރުގެ އަމަލަކީ ވަކީލުކަމުގެ ސުލޫކާ ވެސް ހިލާފު ކަމެއްގެ ގޮތުގައި ކަނޑައެޅޭނެކަމަށެވެ. އަދި އެއާއެކު އެ ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލް ވާނެ ކަމަށް ވެސް ކަނޑައަޅާފައި ވެއެވެ.

އެ ގޮތަށް ފަނޑިޔާރެއްގެ ވަކީލުކަމުގެ ހުއްދަ ބާތިލް ވުމަށް ފަހު، ދެން އެ މީހަކަށް ރާއްޖޭގައި ވަކީލު ކަން ކުރަން، ވަކީލު ކަމުގެ ހުއްދަ އަލުން ހޯދަން ހުށަހެޅޭނީ، އެ ހުއްދަ ބާތިލް ކުރާތާ ފަސް އަހަރު ފަހުން ކަމަށް ބުނެފައިވެއެވެ. ފަސް އަހަރު ނުވާނަމަ ހުށަހެޅިއަސް ހުއްދަ ނުދެވޭނެ ކަމަށް ބިލުގައިވެއެވެ.

ނަމަވެސް ކޮމިޓީން ބިލު ދިރާސާކުރުމަށް ފަހު ގެނައި އެއް ބަދަލަކީ ސުލޫކީ މައްސަލައެއްގައި ފަނޑިޔާރު ކަމުން ވަކިކުރާ ނުވަތަ ވަކިވާ ފަނޑިޔާރުން އެ މަގާމުން ވަކިކުރާ ނުވަތަ ވަކިވާ ތާރީހުން ފެށިގެން ހަ މަސް ދުވަހުގެ މުއްދަތަކަށް ވަކީލު ކަމުގެ ހުއްދަ ހިފެހެއްޓޭ ގޮތަށް ބަދަލުކުރުމެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން