ފިނޭންސް މިނިސްޓްރީން މިއަދު މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓާއެކު މިއަހަރުގެ ބަޖެޓް 49.3 ބިލިއަން ރުފިޔާއަށް ބޮޑުވެއްޖެއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މިއަހަރަށް ފާސްކޮށްފައިވާ ބަޖެޓަށްވުރެ އިތުރަށް މި އަހަރު ތެރޭގައި ޚަރަދުވާނެކަމަށް ބެލެވޭތ،ީ ޤާނޫނު އަސާސީގެ 96 ވަނަ މާއްދާގެ ނ ގައިވާ ގޮތުގެ މަތިނ،ް ރައްޔިތުންގެ މަޖިލިހަށް 2023 ވަނަ އަހަރަށް ސަޕްލިމެންޓަރީ ބަޖެޓެއް މިއަދު ހުށަހަޅާފައިވާކަމަށެވެ.

މަޖިލީހުން މިއަހަރަށް ފާސްކޮށްފައިވަނީ 42 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ފިނޭންސްއިން ބުނީ ދައުލަތުގެ ބަޖެޓަށް އިތުރުކުރުމަށް ހުށަހަޅާފައިވަނީ 6509.3 މިލިއަން ރުފިޔާ ނުވަތަ 6.5 ބިލިއަން ރުފިޔާގެ ބަޖެޓެއްކަމަށެވެ. އަދި މި ސަޕްލިމަންޓަރީ ބަޖެޓާއެކު މި އަހަރުގެ ޖުމުލަ ބަޖެޓަކީ 49,350.1 މިލިއަން ރުފިޔާއަށް އަރާފައިވާކަމަށް ފިނޭންސްއިން ބުނެއެވެ.

ފިނޭންސްއިން ބުނީ މި ސަޕްލިމަންޓަރީ ބަޖެޓުން މައިގަނޑު ގޮތެއްގައި ޚަރަދުކުރުމަށް ކަނޑައަޅައިފައިވަނީ ޕީއެސްއައިޕީއާއި އާސަންދައާއި ސަބްސިޑީތަކަށް ކުރާ ޚަރަދުތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް ދޫކުރާ ކެޕިޓަލް ކޮންޓްރިބިއުޝަންއަށްކަމަށެވެ. އަދި މި އަހަރުގެ ތެރޭގައި ޕީއެސްއައިޕީ ހިނގުން ހަލުވިވެ، ބަޖެޓުކުރި މިންވަރަށްވުރެ ބޮޑަށް އެ ނޫން ޚަރަދުތައްވެސް ހިނގައ،ި ބަޖެޓު ފާސްކުރިއިރު ޚަރަދު ކުޑަކުރުމަށް ރާވައިފައިވާ ގިނަ ފިޔަވަޅުތައް ރާވައިފައިވާ ގޮތަށް ތަންފީޒުވެފައިނުވާތ،ީ އެ ކަންކަމުން ލިބޭނެކަމަށް އަންދާޒާކުރާ އާމްދަނީވެސް މިހާރު ދަށްވެފައިވާކަމަށް ފިނޭންސް މިނިސްޓްރީން ބުނެއެވެ.

ސަޕްލިމެންޓްރީ ބަޖެޓްގެ ގޮތުގައި ހުށަހަޅާފައިވާ 6.5 ބިލިއަން ރުފިޔާގެ ތެރެއިން ސަބްސިޑީއަށް 1.8 ބިލިއަން ރުފިޔާ، އާސަންދަށް 1.2 ބިލިއަން ރުފިޔާ، އަދި ޕީއެސްއައިޕީއަށް 1.7 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ.

ސަޕްލިމެންޓްރީ ބަޖެޓް ހުށަހެޅުމަކީ ރާއްޖޭގައި އައު ކަމެއް ނޫނެވެ. މީގެ ކުރީ ސަރުކާރުތަކުން ވަނީ ސަޕްލިމެންޓްރީ ބަޖެޓްތައް ހުށަހަޅާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން