ދަރިމައިނުވުމުގެ މައްސަލަތަކުގެ ފަރުވާއަށް އާސަންދަ ފޯރުކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ފާސްކޮށްފިއެވެ.

މިއަދު މަޖިލީހަށް ހާޒިރުވި މެންބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި މި ގަރާރަކީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް ހުށަހެޅުއްވި ގަރާރެކެވެ. އެ ގަރާރުގައި ބުނެފައި ވަނީ ސިއްހީ ހިދުމަތުގެ ގާނޫނުގެ ދަށުން ހުރިހާ ދިވެހިންނަށް ހަމަހަމަކަމާއެކު ރަނގަޅު ފެންވަރުގެ އަސާސީ ސިއްހީ ހިދުމަތް ލިބިގަތުމުގެ ޙައްޤު ކަށަވަރުކޮށްދިނުން މުހިންމު ކަމަށެވެ.

އެގޮތުން ދަރިމައިނުވުމުގެ މައްސަލަތަކަށް ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރެއިން ބޭސްފަރުވާ ކުރުމުގެ ފުރުޞަތުތައް ކުޑަކަމަށް އެ ގަރާރުގައި ބުނެފައި ވެއެވެ. އަދި ފަރުވާ ހޯދަންޖެހޭ މީހުންނަށް ބޭނުންވާ ބައެއް ބޭސް ރާއްޖެއިން ހޯދުމުގައި ދަތިތައް ހުރުމާއި، ދަރިމައިނުވުމުގެ މައްސަލައާއި ގުޅިގެން ދެވޭ ބައެއް މުހިންމު ބޭސްވެސް އާސަންދައިގެ ދަށުން ނުލިބޭ ކަމަށް ގަރާރުގައި ފާހަގަކޮށްފައި ވެއެވެ.

މަޖިލީހުގެ ޖަލްސާގައި މިކަމާއި ގުޅޭގޮތުން ބަހުސްކުރި މެންބަރުން ވަނީ ރާއްޖޭގައި މިފަދަ މައްސަލަތައް ގިނަވަނީ ކީއްވެގެންކަން ދެނެގަންންނަން ޤައުމީ ފެންވަރުގެ ދިރާސާއެއް ހެދުމުގެ އިތުރަށް ދަރިމައިވުމުގެ މައްސަލައަށް ބޭނުންކުރާ ބައެއް އަސާސީ ބޭސްތައް ރާއްޖެއިން ފަސޭހައިން ލިބޭނެ މަގު ތަނަވަސްކޮށްދިނުމަށް ގޮވާލައްވާފައެވެ. އަދި ދަރިމައިވުމުގެ މައްސަލައަށް ބޭސްކުރާ މީހުންނަށް އާސަންދައިގެ ދަށުން ދެވޭނެ ހިދުމަތްތަކަކީ ކޮބައިތޯ ހޯދައި، ހިދުމަތް ދިނުމުގައި ހަރުދަނާ އުސޫލަކާއި މިންގަނޑެއް ކަނޑައެޅުމަށް ގޮވާލައްވާފައި ވެއެވެ.

މި ގަރާރު ފާސްވީ މިއަދުގެ ޖަލްސާގައި ބައިވެރިވި 45 މެންބަރުންގެ އިއްތިފާގުންނެވެ.

ރާއްޖޭގައި ދަރިމައިނުވުމުގެ މައްސަލަ އިތުރުވެފައިވާއިރު، މި ކަމަށް ގިނަފަހަރަށް ފަރުވާ ހޯދަން ޖެހެނީ ރާއްޖެއިން ބޭރުންނެވެ. އަދި އާސަންދަ ނުލިބުމުގެ ސަބަބުން ބޮޑު ޚަރަދުކޮށްގެން ނޫނީ މިކަމަށް ފަރުވާ ނުހޯދޭތީ ގިނަ އަދަދެއްގެ ޢާންމުން ދަނީ މިކަމުގެ ޝަކުވާ ކުރަމުންނެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން