ދަރިމައިނުވުމުގެ މައްސަލައަށް ހައްލެއް ހޯދަން އެކަމަށް ޚާއްސަ ކްލިނިކްތައް ރާއްޖޭގައި ގާއިމުވުން މުހިންމު ކަމަށް ރައްޔިތުންގެ މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަޙްމަދު ނަސީމު ހުށަހެޅުއްވި ދަރިމައިވުމުގެ މައްސަލަތަކަށް އާސަންދަ ފޯރުކޮށްދިނުމަށް ހުށައެޅުއްވި ގަރާރަކާއި ގުޅިގެން ވާހަކަ ދައްކަވަމުން ރޮޒެއިނާ ވިދާޅުވީ ދަރިމައިނުވުމުގެ މައްސަލައަކީ ރާއްޖޭގެ ވަރަށް ގިނަ އަންހެނުން ތަހައްމަލުކުރަމުންދާ މައްސަލައެއް ކަމަށެވެ. މި މައްސަލަ ރާއްޖޭގައި ގިނަވެފައިވަނީ ކިހިނެއްކަން ދެނެގަންނަން ޤައުމީ ފެންވަރުގެ ދިރާސާއެއް ނުވަތަ ތަފާސް ހިސާބު ބޭނުންވާކަން އޭނާގެ އިތުރަށް އެހެނިހެން މެންބަރުންވެސް ފާހަގަކުރައްވާފައި ވެއެވެ. އަދި ހަމައެއާއިއެކު، ރާއްޖޭގައި މިވަގުތު ވަރަށް ފަހުން ޚިދުމަތް ކުރަން ފެށި ހަމައެކަނި ފާޓިލިޓީ ކްލިނިކުގައި ކިއު ބޮޑު ކަމުން ޚިދުމަތް ހޯދަން ދަތިކަމުގެ ޝަކުވާތައް ގިނަކަމަށްވެސް ރޮޒައިނާ ވަނީ ފާހަގަކުރައްވާފައެވެ.

މި މޭރުމުން ވާހަަކަދައްކަވަމުން ރޮޒެއިނާ ވިދާޅުވީ އިންފާޓިލިޓީ މައްސަލަތަކަށް ފަރުވާ ހޯދުމަށް އެކިގޮތްގޮތަށް ފައިސާ ހޯދައިގެން، ބޮޑު ޚަރަދުތައް ކޮށްގެން ބޭސްފަރުވާކުރަން ޖެހިފައިވަނީ ރާއްޖެއިން ބޭރުން ކަމަށެވެ. އަދި ގިނަ މީހުންނަކީ ރާއްޖެއިން ބޭރުން ފަރުވާ ހޯދަން މާލީގޮތުން ތަނަވަސް ނޫން ބައެއް ކަމުން މިކަމަށް ރާއްޖޭގައި ޚާއްސަ ކްލިނިކެއް ގާއިމުވުމަކީ މުހިންމު ކަމެއް ކަމަށް ރޮޒެއިނާ ވިދާޅުވިއެވެ. އެހެންކަމުން، ދަރިމަައިނުވުމުގެ މައްސަލަތަކަށް އާސަންދައިން ނުވަތަ ޤައުމީ އިންޝުއަރެންސް ނިޒާމެއްގެ ތެރެއިންވިޔަސް ބޭސްފަރުވާގެ ޚިދުމަތް ފުޅާކުރުމަށް ވަރަށް ގިނަ މެންބަރުން ތާއީދު ކުރައްވާފައި ވެއެވެ.

ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި އިތުރުވަމުން ދާތީ، މި މައްސަލަ ތަހައްމަލުކުރަން ޖެހިފައިވާ ރައްޔިތުންނަށް އިޖްތިމާޢީ ޞިއްޙީ އިންޝުއަރެންސްގެ ޤައުމީ ނިޒާމުގެ ދަށުން ބޭސްފަރުވާގެ ފުރުޞަތުތައް މިހާރަށްވުރެ ފުޅާކޮށް، ފަސޭހަކުރުމަށް ހުށަހަޅާ ޤަރާރު، އިޖްތިމާޢީ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ހުށަހަޅުއްވައި ބަހުސް ކުރިއަށްގެންދަވައި ރިޕޯޓު މަޖިލީހުން މިއަދު ވަނި ފާސްކޮށްފައެވެ.



"ދެން މިރިޕޯޓަށް ބަލާލުމުން މިކަމާއި ގުޅޭ ދިރާސާތައް އަޅުގަނޑުމެން އިތުރަށް ހަދަންޖެހޭކަން ވަރަށް ބޮޑަށް ފާހަގަވޭ. ކޮން ސަބަބުތަކާއި ގުޅިގެންތޯ ދަރިމައިވުމުގެ މައްސަލަތައް މިދިމާވަނީ. އާއްމުކޮށް މިމައްސަލަ ދިމާވާ ކަންކަމަށް ރާއްޖޭގައި ފަރުވާ ލިބޭނެ ގޮތްތަކެއް އެކުލަވާލުމަށް މަސައްކަތް ކުރަންޖެހޭކަން ރިޕޯޓުން ފާހަގަކުރެވިގެންދޭ." މިކަމާއި ގުޅޭގޮތުން ތައްޔާރުކުރެވުނު ރިޕޯޓަށް ރިއާޔަތްކުރައްވާ ރޮޒެއިނާ ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން