ފޮޓޯ: ޑެއިލީ މިރާ
ފޮޓޯ: ޑެއިލީ މިރާ
ފަތުރުވެރިކަމުގެ ދާއިރާޢަށް އިންގިލާބީ ހެޔޮ ބަދަލެއް ގެންނަވާނެ ކަމުގައި އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ކުރުނބާ ރިސޯޓުގައި މިހާރު ކުރިއަށްދާ ޖެނެރަލް މެނޭޖާސް ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން މުއިއްޒު ވަނީ ފަތުރުވެރިކަމަކީ ދިވެހިންނަށް ވަރަށް މުހިންމު ސިނާއަތެއްކަން ފާހަގަކުރައްވާފައެވެ. އެހެންކަމުން، ފަތުރުވެރިކަމުގެ ފައިދާ ސީދާ ގޮތެއްގައި ޒުވާނުންނަށް ފައިދާވާނެ މަގަށް ސިޔާސަތުތައް ބައްޓަންކުރުމަށް އުއްމީދުކުރައްވާ ކަމަށާއި، އެމަގަށް ސިނާޢަތުގެ ހުރިހާ ޙިއްސާދާރުންވެސް މަސައްކަތް ކޮށްދެއްވުމަށް ޑރ. މުއިއްޒު އެދިވަޑައިގެންނެވިއެވެ. ދިވެހި އިޤްތިޞާދު ސިންދަފާތުކުރުމުގެ (ޑައިވަރސިފައިކުރުމުގެ) އިތުރަށް ފަތުރުވެރިކަމުގެ ޞިނާޢަތުވެސް ސިންދަފާތުކުރުމަށް މަސައްކަތްކުރަންޖެހޭކަން އިންތިޚާބީ ރައީސް ފާހަގަކުރެއްވިއެވެ.

އަދި އެންމެ މުހިއްމު ކަމެއްގެ ގޮތުގައި، ދިވެހީން ދުނިޔޭގައި ހިފަހައްޓަމުން އަންނަ، މާކެޓް ލީޑަޝިޕް ދެމެހެއްޓުމަށް ހުރި ގޮންޖެހުންތައް ދެނެގަނެ، އެކަންކަމާ އެކުވެސް، ދުނިޔޭގެ މައިދާނުގައި ފަތުރުވެރިކަމުގެ އެންމެ އިސް މަޤާމު ދެމެހެއްޓުމަށް މަސައްކަތްކުރުންޖެހޭކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރަށްވެސް، ފަތުރުވެރިކަމުގެ ދާއިރާގެ ހިންގުމުގެ އިސް މަޤާމުތައް ދިވެހީންނަށް ފަހިކޮށްދިނުމަށް ކުރެވެން ހުރި މަސައްކަތްތަކަށް ސަމާލުކަންދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފަތުރުވެރިކަމުގައި އަންހެނުންގެ ބައިވެރިވުން ފުޅާކުރުމަށް ޤާނޫނީ އޮނިގަނޑުތަކުގެ ތެރެއިން ގެންނަޖެހޭ ބަދަލުތައްގެނެސް، ހަމަހަމަ އުޖޫރަ ލިބިދެވޭކަން ޔަގީންކޮށް، ފަތުރުވެރިކަމުގައި އަންހެނުންގެ ދައުރާއި ބައިވެރިވުން އިތުރުކުރުމަށް ޚާއްސަ ސަމާލުކަމެއް ދެއްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޑރ. މުޢިއްޒު ވަނީ ފަތުރުވެރިކަމުގެ ދާއިރާގެ މުވައްޒަފުންނަށް ޚާއްސަ ރިޓަޔަރމަންޓް ސްކީމެއް ތަޢާރަފްކުރެއްވުމަށާއި އެ ފަރާތްތަކަށް ޚާއްސަ ސޯޝަލް ހައުސިން ސްކީމެއް ތަޢާރަފްކުރުމަށް ވެވަޑައިގެންފައިވާ ވަޢުދު ތަކުރާރުކުރައްވާފައެވެ. މިއާ އެކުއެކީ، ފަތުރުވެރިކަމުގެ ފައިދާ ބެހިގެންދިޔުން ފުޅާކޮށް، ޞިނާޢަތަކީ ކޮންމެ ދިވެއްސަކަށް ފައިދާކުރަނިވި ޞިނާޢަތަކަށް ހެއްދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.

އެގޮތުން، މުވައްޒަފުންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަށް އިސްކަންދެއްވުމާއި މަސައްކަތާ އެކަށޭނަ ރަނގަޅު މުސާރައެއްގެ ކަށަވަރުކަމާއި މުވައްޒަފުންގެ އާއިލާތަކާއެކު ހޭދަކުރުމަށް ލިބޭ ވަގުތު އިތުރުކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން