އީރާނުގެ މަދަދު ލިބޭކަމަށް ބުނާ ޔަމަނުގެ ހޫތީ ޖަމާއަތުން އިސްރާއީލަށް އަމާޒުކޮށް ފޮނުވާލިކަމަށް ބެލެވޭ ރެކޮޓްތަކަކާއި ޑްރޯންތަކެއް އެމެރިކާގެ އަސްކަރީ މަނަވަރަކުން ހުއްޓުވައިފިއެވެ.

އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނީ ބުރާސްފަތި ދުވަހު ރަތް ކަނޑުގެ އުތުރުގައި ހަރަކާތްތެރިވި އެމެރިކާގެ އަސްކަރީ މަނަވަރަކުން ރެކޮޓްތަކަކާއި ޑްރޯންތަކެއް ވައްޓާލާފައިވާކަމަށެވެ. މިއީ ސީދާ ކޮންތާކަށް އަމާޒުކޮށް ފޮނުވާލި ރޮކެޓްތަކެއްްކަން ނޭނގުނަސް އެތަކެތި ލޯންޗުކޮށްފައިވަނީ ޔަމަނުން ކަމަށާއި، މިސްރާބު ހުރީ އިސްރާއީލާއި ދިމާލަށް ކަމަށްވެސް އެމެރިކާގެ ދިފާއީ ވުޒާރާއިން ބުނެއެވެ. އަދި އެއީ އެމެރިކާގެ މަނަވަރަށް އަމާޒުކޮށް ފޮނުވާލި ހަމަލާއެއް ނޫންކަން ޔަގީންކަމަށްވެސް އެމެރިކާއިން ބުނެއެވެ.

މެދުއިރުމަތީގެ މަސްރަހު ހޫނުވިފަހުން އެމެރިކާއިން ވަނީ އެ ސަރަހައްދަށް އެ ގައުމުގެ 2 އަސްކަރީ މަނަވަރާއި 2000 ސިފައިންނާއި އެހެނިހެން ސާމާނު ފޮނުވާފައެވެ. އަދި އިސްރާއީލަށް އެކި ގޮތްގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.

އީރާނުގެ މަދަދު ލިބޭ ޖަމާއަތްތަކުން އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގާ ހަނގުރާމައަށް ވަދެދާނެތީ އެމެރިކާ އޮތީ ވަރަށް ބޮޑަށް ކަންބޮޑުވެފައެވެ. ހޫތީންނަކީވެސް އީރާނުގެ އިތުރުން ސީރިއާ، ރަޝިޔާ އަދި ނޯތު ކޮރެޔާފަދަ އެމެރިކާއާ ދެކޮޅު ގައުމުތަކުގެ މަދަދު ލިބޭ ޖަމާއަތެއްކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޔަމަނުގެ ހަމަލާތަކެއް އިސްރާއީލަަށް އަމާޒުވެދާނެކަމަަށް ބެލެވޭއިރު، ލުބްނާންގެ ހަނގުރާމަވެރި ޖަމާއަތްތަކުން ދަނީ މިހާރުވެސް އިސްރާއީލަށް ހަމަލާ ދެމުންނެވެ. ޔަމަނާއި ލުބްނާނަކީ އަރަބި އެހެން ގައުމުތަކާއި އަޅާބަލާއިރު ހާލުގައި އޮތް ދެ ގައުމެވެ. ނަމަވެސް އަރަބި ގައުމުތަކުގެ ތެރެއިން މުއްސަނދި، ބޮޑެތި، ބާރުގަދަ ގައުމުތަކުން މި މައްސަލައިގައި ބަޔާންތަކެއް ނެރެލުން ފިޔަވައި މާބޮޑު މަސައްކަތްތަކެއް ކުރާ ތަނެއް ނުފެނެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން