އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކަމަށްބުނެ އުފައްދާފައި ހުރި ބަައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތަކުން މިއަދު ތިބީ އަނގަމަތީ ޓޭޕްއަޅައި އަތްތައް ބަނދެގެންކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ފަލަސްތީނަށް އިސްރާއިލުން ދެމުންގެންދާ ލާއިންސާނީ ހަމަލާތަކާއި ގުޅިގެން ޝިޔާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއަދުވެސް ފެނިގެން ދަނީ އިންސާނީ ޙައްޤުތައް އެހެން މީހުންނަށް ކިޔައިދޭންއުޅޭ ދުނިޔޭގެ ބޮޑެތި ޤައުމުތަކާ އެޤައުމުތަކުގެ ނުފޫޒުހިނގާ ބޮޑެތި ޖަމިއްޔާ ޖަމާޢަތްތަކުގެ އަސްލުސޫރަކަމަށެވެ. އަދި އެބައިމީހުންގެ ނުފޫޒުން މެދުއިރުމަތީގެ ބައެއް އިސްލާމީ ޤައުމުތައްވެސް މައިބަދަ ގުޑާފައިތިބި މިންވަރުވެސް ހާމަވާކަމަށް ޝިޔާމް ވިދާޅުވިއެވެ.

"އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ކަމަށްބުނެ އުފައްދާފައިހުރި ބަައިނަލްއަޤުވާމީ ޖަމިއްޔާ ޖަމާޢަތްތައް މިއަދު ތިބީ އަނގަމަތީ ޓޭޕްއަޅާ އަތްތައްބަނދެގެން." ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް ވިދާޅުވީ ބޮޑެތި ބައިނަލްއަޤުވާމީ ނޫސް އެޖެންސީތަކުގެ ނޫސްވެެރިންގެ ގަލަންތަކުން ޙަޤީގަތް ހާމަކުރާ ލިޔުންތަކަށް ދެލިނުހިނގާކަމަށެވެ. އަދި ފަލަސްތީނުގެ ނަސްލު ނައްތާލަން އިޒުރޭލުން ހިންގާ ލޭއޮހޮރުވުން ދުނިޔޭގެ ހުރިހާބިތެއްގެ ހުރިހާ ރައްޔިތުންނަށްވެސް އެބަ ފެންނަކަމަށާއި އަދި ކަންކަން ހިނގާގޮތްވެސް އެނގޭކަމަށެވެ.

"އެތައްހާސް ފުރާނައެއް ރަހުމެއްނެތި ޝަހީދުކުރާ މަންޒަރުތައް އެބަފެނޭ. اللهގެ މަދަދާ ރައްކާތެރިކަމަށް އެދި ކުރާ ދުޢާތަކާ އެހީތެރިކަމަށް އެދި ކުރާ އާދޭހާ ރުއިމުގެ އަޑުތައް އަބަދުމެ އެބައިވޭ. މިމަންޒަރުތައް ނުފެންނަނީ އަދި މިއަޑުތައް ނީވެނީ ދުނިޔެ ހިންގަން މަޖުބޫރުކޮށްފައި މިއޮތް ބައިނަލްއަޤުވާމީ ނިޒާމުގެ ބޮޑުންނަށް. އެމީހުންނަކަށް ފަލަސްތީނުގެ ޖައްވުގެ ކަޅުދުންތަކެއް ނުފެނޭ. ކުޑަކުއްޖެއް އަންހެނެއް ނުބަލާ ރަޙުމެއް ހަމްދަރުދީއެއްނެތި އެތައްސަތޭކަ އާއިލާއެއް ޝަހީދުކުރާތަނެއް އެމީހުންނަކަށް ނުފެނެ." ޝިޔާމް ވިދާޅުވިއެވެ.



ޝިޔާމް ވިދާޅުވީ ފެނެއް ކަރަންޓެއް ކާއެއްޗެއް ނެތްތާނގައި މިއަދު ފަލަސްތީނުގެ ރައްޔިތުންނަށް ބައިނަލްއަޤުވާމީ މުއާހަދާތަކުގައި ބުނާ އެންމެ އަސާސީ ޙައްޤު ކަމުގައިވާ ދިރިހުރުމުގެ ޙައްޤުވެސް ނެތްތަން ބައިނަލްއަޤްވާމީ މުޖްތަމަޢުއަށް ނުފެންނާނެކަމަށެވެ.

"މިމަންޒަރުތައް ފެނި ހަޤީގަތުގައިވެސް ހިތްކުދިކުދި ވެއްޖެ. ކޮބައިތޯ އެ މައުސޫމް އާއިލާތަކުގެ ކުށަކީ؟ ކޮންފަދަ ރަހުމުކުޑަ އަނިޔާވެރި ނާއިންސާފުވެރި ނިޒާމެއްތޯ." ޝިޔާމް ވިދާޅުވިއެވެ.

ފަލަސްތީނުގެ މައްސަލައިގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ނަމަވެސް އެކަމަށް އެދެވޭ ހައްލުތަކެއް ގެނައުމަށް ސަރުކާރުތަކުން އެވަރަށް މަސައްކަތްނުކުރާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން