ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓްތައް ހަރުކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަމަށް އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓްތައް ހަރުކުރުމަށް އަންނަ އަހަރުގެ ބަޖެޓްގައި ހިމަނާފައިވާކަން ޑރ. މުޢިއްޒު އިއުލާންކުރެއްވީ މިއަދު ހަވީރު، ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓުތައް ހިމެނޭ ސަރަޙައްދަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

ޑރ. މުޢިއްޒު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި، އައު ސަރުކާރުން ހިމަނަން ބޭނުންވާ ކަންކަން ހިމެނުމުގެ ފުރުޞަތު ލިބިފައިވާކަމަށާއި، އެގޮތުން ގިނަ ކަންތައްތަކެއް ބަޖެޓްގައި ހިމަނަން އައު ސަރުކާރުން ނިންމާފައިވާކަމަށެވެ. އެގޮތުން ހިޔާ ފްލެޓުގެ ކޮންމެ ޓަވަރެއްގައި އިތުރު 2 ލިފްޓް ހަރުކުރުމަށް ބަޖެޓްކޮށްފައިވާކަމަށް އިންތިޚާބީ ރައީސް ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، ކޮންމެ ޓަވަރެއްގައި 2 ލިފްޓް ހަރުކުރާއިރު، އޭގެތެރޭގައި ސްޓްރެޗަރ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެއް ހިމެނޭނެ ކަމަށެވެ. އަދި ވައުދާއި އެއްގޮތަށް އެކަންކަން ކޮށްދެއްވާނެކަމަށްވެސް ވިއްސާރައިގެ ތެރޭގައި މުއިއްޒު ދެއްކެވި ކުރު ވާހަކަފުޅުގައި ވިދާޅުވިއެވެ.

ހިޔާ ޓަވަރުތަކުގައި މިހާރު ހުންނަނީ 3 ނުވަތަ 2 ލިފްޓެވެ. ނަމަވެސް ލިފްޓްތައް މަދުވުމުގެ ޝަކުވާއަކީ ހިޔާގައި އުޅޭ ފަރާތްތަކުން އެންމެ ބޮޑަށް ކުރަމުންދާ އެއް ޝަކުވާއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ތެރެއިން އިންތިޚާބީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިޔާ ޓަވަރުތަކުގައި އިތުރު ލިފްޓްތައް ހަރުކޮށްދެއްވާނެކަމަށް ވިދާޅުވެފައެވެ.

ހިޔާ ޓަވަރުގައި ލިފްޓް ހަރުކުރުމުގެ އިތުރުން، އައު ސަރުކާރުން ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ބޭނުންވާ ކަންކަން ފުރިހަމަކުރުމަށް 200 މިލިއަން ރުފިޔާގެ ބަޖެޓެއް ވަނީ ހަމަޖައްސާފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން