މަކުނުދޫގައި މިއަދު ހަވީދު ގޭސް ފުޅިއެއް ގޮވައިގެން ހިނގި ހާދިސާގައި މަރުވީ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތުގައި އުޅުނު ދެ މީހުންކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މީގެކުރިން ބުނީ ގޭސްފުޅި ގޮވީ މަކުނުދޫގައި ނަރުދަމާ ޤާއިމްކުރުމުގެ މަސައްކަތް ކުރިއަށްދާ ސައިޓްގައިކަމަށެވެ. ނަމަވެސް އެއީ މައުލޫމާތުގެ ކުށެއްކަމަށާއި، ގޮވާފައިވަނީ އެ ރަށު މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ފުޅިއެއްކަމަށް ފުލުުހުން ބުނެއެވެ.

ފުލުހުން ބުނީ މި ހާދިސާގައި މަރުވި ދެ މީހުންނަކީ މަކުނުދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތްކުރާ ކުންފުނީގެ ދެ މުވައްޒަފުންކަމަށެވެ. މި ހާދިސާގައި އިތުރު ބަޔަކަށް އަނިޔާވިކަމެއް ޔަގީނެއް ނޫނެވެ.

ފުލުުހުން ދަނީ މި ހާދިސާ ހިނގަން މެދުވެރިވި ސަބަބެއް ހޯދަމުންނެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ގޮވާފައިވާ ގޭސްފުޅު މަކުނުދޫ މަސް މާރުކޭޓު ކައިރީގައި އޮންނަތާ އެތައް ދުވަހެއްވެއްޖެއެވެ. އަދި އެ ގޭސް ފުޅިއަކީ ވެލްޑިން ކުރުމުގެ މަސައްކަތަށް ބޭނުންކުރާ ގޭސްފުޅިއެއް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ.

ބައެއް ފަރާތްތަކުން ހިއްސާކޮށްފައިވާ މައުލޫމާތުތައް ބުނާގޮތުން ގޮވި ގޭސްފުޅިއަކީވެސް މަކުނުދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ކުންފުނީގެ ގޭސް ފުޅިއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން