ހދ. މަކުނުދޫގައި އެއްޗެއް ގޮވާ ދެ މީހަކު މަރުވި ހާދިސާ ތަހުގީގު ކުރަން ފުލުހުންގެ ފޮރެންސިކް ޓީމެއް އެ ރަށަށް ގޮސްފައިވާ ކަމަށް ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ މި ހާދިސާ ތަހުގީގު ކުރުމަށް ކުޅުދުއްފުށިން ފޮރެންސިކް ޓީމަކާއި ތަހުގީގު ޓީމެއް މަކުނުދޫގައި މިހާރު ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ބުނިގޮތުގައި މި ހާދިސާގައި މަރުވެފައިވަނީ ބިދޭސީ ދެ ފިރިހެނުންނެވެ. އެ ދެ މީހުންނަކީ މަކުނުދޫ އެއާޕޯޓު ބިން ހިއްކުމުގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ ދެ މުވައްޒަފުން ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

މިއަދު ހަވީރުގެ ވަގުތެެއްގައި މި ހާދިސާ ހިނގާފައިވަނީ މަކުނުދޫ މަސް މާރުކޭޓު ކައިރީގައި އޮތް ގޭސް ސިލިންޑަރެއް ގޮވައިގެންނެވެ. ގޭސް ސިލިންޑަރު ގޮވައި ހިނގި މި ހާދިސާގައި ދެ ބިދޭސީއަކު މަރުވެފައިވާއިރު މަރުވި ދެ މީހުންގެ ހަށިގަނޑުގެ ބައިތަށް ސިފަ ވަކިނުވާ ވަރަށް ޗިސްޗިސްވެ ބުރައިގެން ގޮސްފައިވާ ކަމަށް މަކުނުދޫއިން ވާހަކަ ދެއްކި ބައެއް މީހުން ބުނެއެވެ. އަދި ގޭސް ސިލިންޑަރު ގޮވި ބާރުގަދަ އަޑުފައްގަޑާއެކު މުޅި ރަށައް ގުޑުން އަރައިގެން ދިޔަ ކަމަށް އެރަށުން ވާހަކަ ދެއްކި މީހުން ބުނެފައިވެއެވެ.

މިހާދިސާގައި އެރަށުގެ ބަނދަރު މަތީގައި ހުރި އިމާރާތެއްގެ ބިއްލޫރިގަނޑު އެއްކޮށް ތަޅައިގެން ގޮސް އިމާރާތުގެ ސީލިންގުގެ ބައެއް ވެސް ވެއްޓި ފަޅު ތެރޭގައި އަޅާފައި އޮތް ދޯންޏެއްގެ ބިއްލޫރި ގަނޑެއް ވެސް ތަޅައިގެން ގޮސް ވަނީ ގެއްލުން ތަކެއް ލިބިފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން