ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މެނޭޖަރު އަލީ އިބްރާހިމް (ކައްޕި)
ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މެނޭޖަރު އަލީ އިބްރާހިމް (ކައްޕި)
ރާއްޖެއިން ބޭރުން ގެންނަ ކުޅުންތެރިންނާއެކު ނިއުރޭޑިއެންޓް ސްޕޯޓްސް ކުލަބްގެ ޕްރެކްޓިސް މިމަހުގެ 25 ވަނަ ދުވަހު ފަށާނެ ކަމަށް އެ ކުލަބުގެ މެނޭޖަރު އަލީ އިބްރާހިމް (ކައްޕި) ބުނެފިއެވެ.

ނަމަވެސް ޒުވާން ގިނަ ކުދިންތަކަކާ އެކު މިމަހު 17 އިންފެށިގެން ނިއު ރޭޑިއަންޓްގެ ފަރިތަކުރުންތައް ވަނީ ފަށާފައެވެ. ޓާފް ދަނޑުގައި ކުރިއަށް ގެންދާ މި ޕްރެކްޓިސް ތަކުގައި އެ ޓީމުގެ ގިނަ ކުޅުންތެރިން ބައިވެރިވެއެވެ.

"ރަސްއޮންލައިން" އަށް މައުލޫމާތު ދެމުން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މެނޭޖަރު އަލީ އިބްރާހިމް (ކައްޕި) ބުނީ، އެޓީމުގެ ޕްރެކްޓިސް މިހާރު ފަށައިގެން ކުރިއަށްދިޔަ ނަމަވެސް ޓީމަށް އަލަށް ގުޅޭ ބޭރުގެ ކުޅުންތެރިންނާއެކު ރަސްމީ ޕްރެކްޓިސް ފަށާގޮތަށް ހަމަޖެހިފައިވަނީ މިމަހުގެ 25 ވަނަ ދުވަހު ކަމަށެވެ.

އެގޮތުން ނިއު ރޭޑިއަންޓަށް ރާއްޖެއިން ބޭރުން ގެންނަނީ ގާނާގެ ފަސްކުޅުންތެރިން ކަމަށާއި އޭގެ އިތުރުން ޕާކިސްތާނުގެ ކީޕަރެެއް ވެސް ހިމެނޭއިރު އެ ކީޕަރު މިހާރު ޕްރެކްޓިސްގައި ބައިވެރިވަމުންދާ ކަމަށް ކައްޕި ބުންޏެވެ.

މީގެ އިތުރުން ކައްޕި ބުނީ ކުރިން ފަސްޓް ޑިވިޝަނަށް ކުޅުނު މަޝްހޫރު ބައެެއް ކުޅުންތެރިން ނިއުއާއި އެކު އެއްބަސްވުމުގައި ސޮއިކޮށް ޓީމާ ގުޅިފައިވާ ކަމަށާއި އެ ކުޅުންތެރިން ވެސް މިމަހުގެ 25 ވަނަ ދުވަހު ފަށާ ޕްރެކްޓިސްގައި ބައިވެރިވާނެ ކަމަށެވެ.

އޭނާ ބުނީ ރާއްޖޭގެ އެކި ރަށްރަށުގައި ޓީމާ ގުޅެން ބޭނުންވާ ކުޅުންތެރިން އެބަތިބި ކަމަށާއި އެ ކުޅުންތެރިން ޓީމާ ގުޅުން ލަސްވަނީ އެފްއޭއެމުން މުބާރަތް އިއުލާންކުރުން ލަަސްކުރަމުން ގެންދާތީ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ނިއު އާއި އަދި އެހެން ޓީމުތަކަށް ވެސް ގެއްލުންތަކެއް ކުރިމަތިވަމުންދާ ކަމަށް އޭނާ ބުންޏެވެ.

"އެފްއޭއެމުން ކުރިން ފަށަން ބުނި ތާރިހަށް، އިއުލާންކުރަން ބުނި ތާރިހަށް އިއުލާން ނުކުރުމާއި ގުޅިގެން އަސްލު ހަގީގަތުގައި ނިއު އާއި އެހެން ކުލަބުތަކަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ވެފައި ހުރީ، އެއީ މުސާރަ ދީގެން އެގްރިމެންޓްތަކުގައި ސޮއިކޮށްގެން މިއަދާއި ހަމަޔަށް ވެސް ކުޅުންތެރިން ހިފަހައްޓާފައި އެތިބީ. އެހެންވީމަ އެ އިއުލާން ކުރުން ލަސްވެގެންދާތީ އަސްލު ގެއްލުންމިވަނީ. މިހާރު އެ މީހުން އެ ތިބީ އިއުލާންނުކުރާތީ ރަށްރަށުގެ އެކި މުބާރަތްތަކުގައި ކުޅެން ގޮސް. އެމީހުން 25 ގައި ޖޮއިން ކުރާނެ ކަމަށް މި ބެލެވެނީ ހުރިހާ ކުޅުންތެރިންނާއެކު،" ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ބޯޑުގައި ވެސް ހިމެނޭ ކައްޕި ބުނެފައި ވެއެވެ.

ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ރަސްމީ ޕްރެކްޓިސް މިމަހުގެ 25 ވަނަ ދުވަހު ފަށަން ނިންމާފައިވާއިރު އެ ޓީމުގެ ހުރިހާ ކުޅުންތެރިންނާއެކު ރާއްޖޭގެ ރަށެއްގައި ކޭމްޕް ކުރާ ގޮތަށް މިހާރު ވަނީ ހަމަޖައްސާފައެވެެ. ނިއުގެ މެނޭޖަރު އަލީ އިބްރާހިމް (ކައްޕި) ބުނީ ހުރިހާ ކުޅުންތެރިންނާއެކު ކޭމްޕް ކުރާނެ ވަކި ރަށެއް މިހާތަނަށް ނިންމާފައިނުވާ ކަމަށެވެ.

އެހެން ނަމަވެސް ރާއްޖޭގެ ރަށެއްގައި 10 ދުވަހުގެ މުއްދަތަށް ޓީމުގެ ހުރިހާ ކުޅުންތެރިންނާއެކު ކޭމްޕް ކުރާގޮތަށް މިހާރު ހަމަޖެހިފައިވާ ކަމަށް ކައްޕި ބުންޏެވެ.

ނިއު ގެ މިހާރުގެ އަމާޒަކީ ދިވެހި ކުޅިވަރު މިހާރު ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްކޮށް މުބާރާތް ތަކުގައި ޖޯޝާއި ފޯރި ގެނެސް އަނެއްކާވެސް ދަނޑުތަކުގައި ވާދަވެރި ރޫހެއް އުފެއްދުން ކަމަށްވެސް މެނޭޖަރ ކައްޕި ބުންޏެވެ. އަދިވެސް ކައްޕި ބުނީ ނިއު އާއި ވިކްޓަރީ އަލުން ޖޯޝާއެކު މައިދާނަށް ނުކުތުން ވެގެންދާނީ ދިވެހި ކުޅިވަރުގެ އާއިލާއަށް ހިނިތުންވުން ގެނެސްދީ ދިވެހި ފުޓުބޯޅައިގެ ކުރިމަގު އުޖާލާވެގެން ދާނެ ކަމަށެވެ.

އެފްއޭއެމްއާއި ފީފާގެ ސަސްޕެންޝަނުން ސަލާމަތްވެ، ނިއުރޭޑިއެންޓުން މިހާރު ވާދަކުރަނީ ދެވަނަ ޑިވިޝަނުގައެވެ. އެކްލަބުގެ އަމާޒަކީ މިއަހަރުގެ ދެވަނަ ޑިވިޝަން މުބާރާތް ކާމިޔާބުކޮށް، މިއަންނަ ސީޒަންގެ ފުރަތަމަ ޑިވިޝަނުގައި ވާދަކުރުމެވެ.

ނިއުރޭޑިއަންޓު ސްޕޯޓްސް ކުލަބަކީ ރާއްޖޭގެ ފުޓުބޯޅައިގެ އެއްމެ ކާމިޔާބު އެއްމެ ވަރުގަދަ ހިސްޓުރީ އެއް އޮންނަ އެއްމެ ސަޕޯޓަރުން ގިނަ ކުލަބެވެ. އެޓީމަކީ ރާއްޖޭގެ 48 މުބާރާތެއް ކާމިޔާބުކޮށްފައިވާ ޓީމެކެެވެ.

ނިއުރޭޑިއަންޓްގެ ކާމިޔާބީތަކަށް ބަލާއިރު އެ ޓީމު ވަނީ 12 ފަހަރު އެފްއޭ ކަޕް ކާމިޔާބުކޮށް 2 ފަހަރު އެފްއޭކަޕް މިލްކު ކޮށްފައެވެ. އޭގެ އިތުރުން ގައުމީ ތަށި 13 ފަހަރު ހޯދާފައިވާއިރު އެތަށިވެސް ނިއުރޭޑިއަންޓުން ވަނީ މިލްކުކޮށްފައެވެ. ދިވެހިލީގުވެސް ޖެހިޖެހިގެން 3 ފަހަރު ނިއުރޭޑިއަންޓުން ވަނީ ކާމިޔާބުކޮށްފައެވެ.

ރާއްޖޭގެ ކްލަބްތަކުގެ ތެރެއިން އޭއެފްސީ ކަޕްގައި އެންމެ ދުރަށް ދަތުރުކުރި ޓީމަކީވެސް ނިއުރޭޑިއަންޓެެވެ. އެގޮތުން ނިއުވަނީ އޭއެފްސީ ކަޕްގައި ސެމީއަށް ދަތުރުކޮށް އެމުބާރާތުގެ ތިންވަނަ ހާސިލްކޮށްފައެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން