އެފްއޭއެމްގެ މައްސަލަ އެއް ބަލަން ފުލުހުންނަށް އެންގީ އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ބުނެފިއެެވެ.

ފުލުހުން މިއަދު ވަނީ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)، ކޯޓް އަމުރެއްގެ ދަށުން ބަލައި ފާސްކުރަން ފަށާފައެެވެ.

ޕީޖީ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެކި ފަރާތްތަކުން އެފްއޭއެމަށް ދޭ ފައިސާއަށް އެ އެސޯސިއޭޝަންގެ އިސްވެރިން ޚިޔާނާތްތެރިވެ، ކުށުގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ މައްސަލަ ތަހުގީގު ކުރަން ފުލުހުންގެ ޚިދުމަތަށް އަމުރުކޮށްފައިވާ ކަމަށެވެ. އަދި އެކަމުގެ ތެރެއިން އެއްވެސް ހިސާބެއްގައި މަނީ ލޯންޑަރިންއާއި ވައްކަމާއި ހިޔާނާތާއި މަކަރާ ހީލަތުގެ ނުވަތަ އެ ނޫން ވެސް ޖިނާއީ ކުށެއްގެ މައްސަލައެއް ހިނގަމުންދާ ނަމަ އެ ކަމެއް ތަހުގީގުކޮށް، އެ މައްސަލައިގައި ދައުވާ ކުރެވެން އޮތް ބައެއްގެ މައްޗަށް ދައުވާކުރަން ފޮނުވުމަށް އަމުރުކޮށްފައިވާނެ ކަމަށް އެބަޔާނުގައި ބުނެފައިވެއެވެ.

ޕީޖީ އޮފީހުގެ ބަޔާނުގައިވާ ގޮތުން ދިވެހިރާއްޖެއަކީ، ބޭރު ގައުމުތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކާ ގާތް ގުޅުމެއް ބާއްވާ ގައުމަކަށްވެފައި، އެ އިދާރާތަކުގެ އިތުބާރާއި ޔަގީންކަން ދައުލަތުގެ މުއައްސަސާތަކަށް ލިބިފައި އޮތުމާއި އެ ކަންކަން އެ މަގަށް ހިނގުމަށް ދައުލަތުގެ އިދާރާތަކުގެ ނަޒާހާތްތެރިކަމާއި އިންސާފުވެރިކަން އަބަދުމެ ކަށަވަރުވެފައި އޮތުމަކީ މުޅި ދިވެހި ދައުލަތުގެ ގައުމީ މަސްލަހަތާ ސީދާގޮތުން ގުޅުން ހުރި ކަމެއް ކަމަށެވެ.

އެގޮތުން ދިވެހިރާއްޖެއާ މުއާމަލާތްކުރާ ބައިނަލްއަގުވާމީ އިދާރާތަކުން، ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ ދަށުން ފޮނުވާ ފައިސާ، އެ ކަމަށް ދިވެހިރާއްޖޭގައި ހެދިފައިވާ އުސޫލުތަކާއި ގާނޫނުތަކާ ހިލާފަށް، ކުށްކުރުމަށް ނުވަތަ ކުށްކުރުމަށް ފަހިވާ ގޮތަށް ބޭނުންކުރެވޭކަމުގެ ތުހުމަތެއް އޮތުމަކީ ޕްރޮސިކިއުޓާ ޖެނެރަލް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށް އެ ބަޔާނުގައި ބުނެފައިވެއެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން