ހއ. މުރައިދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 76 އިންސައްތަ މިހާރު ފުރިހަމަކުރެވިއްޖެ ކަމަށް އެ މަސައްކަތުގެ ކޮންޓްރެކްޓަރ އެމްޓީސީސީން ބުނެފިއެވެ.

މި މަސައްކަތުގެ އެންމެ ފަހުގެ އަދާހަމަ ހާމަކުރަމުން އެމްޓީސީސީން ބުނީ މި މަސައްކަތަށް ބޭނުންވާ ބޮޑުހިލައިގެ ތިންވަނަ ޝިޕްމެންޓް މިހާރު ވަނީ ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައި ކަމަށެވެ. އަދި ބޭރު ތޮށީގެ ޕްރޮފައިލިން މަސައްކަތުގެ 90 އިންސައްތަ ފުރިހަމަކުރުމުގެ އިތުރުން، ނެރު ފުންކުރުމުގެ މަސައްކަތްވެސް މިހާރު ނިމިފައިވާ ކަމަށް އެމްޓީސީސީން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 32,721 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ އައު ހާބަރ ބޭސިން ފުންކުރުމާއި، 3,817 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގައި ނެރު ފުންކުރުމާއި، 232 މީޓަރުގެ ސަރަޙައްދެއްގެ އެއްގަމުތޮށި ލުމާއި، 395 މީޓަރުގެ ސަރަޙައްދެއްގެ ބޭރު ތޮށި ލުމާއި، 202 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުން ހިމެނެއެވެ. އަދި 50 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމާއި، 1,933 އަކަ މީޓަރުގެ ސަރަޙައްދެއްގައި ހާބަރ ޕޭވްމަންޓް ހެދުމާއި، ރޭމްޕެއް ހެދުމާއި، ކޮންކްރީޓް ބްރިޖެއް ހެދުމުގެ އިތުރަށް ނެރު ބައްތި އާއި މަގުބައްތި ހަރުކުރުމުގެ މަސައްކަތްވެސް މި މަޝްރޫޢުގެ ތެރޭގައި ހިމެނޭ ކަމަށް އެމްޓީސީސީން ބުނެއެވެ.

ޕްލޭނިންގ މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކުރި މި މަޝްރޫޢަކީ 34.28 މިލިއަން ރުފިޔާގެ މަޝްރޫޢުއެކެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން