ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަަ ކުޅޭ ކުޅޭ ކުޅިވަރަކަށް ނުހެދޭނެ ކަމުގައި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.

އާޒިމް ވިދާޅުވީ ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމްޑީޕީން އަމަލުކުރަމުން ދަނީ ގަވާއިދާ ހިލާފަށް ކަމަށެވެ. އަދި އެބާވަތުގެ ކަންކަން ކުޅޭކުޅޭ ކުޅިވަރެއްގެ ގޮތުގައި ނުހެދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.



އެއް ދުވަހު އިތުބާރު ނެތް ކަމަށް ބުނެފައި ޖެހިގެން އަންނަ ހަފްތާގައި އިތުބާރު އެބައޮތް ކަމަށް ނިންމާފައި، އަނެއް ހަފްތާގައި އިތުބާރު ނެތްކަމަށް ނިންމުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް އާޒިމް ވިދާޅުވިއެވެ.

މަޖިލީހުގެ އަޣުލަބިއްޔަތު އޮންނަ އެމްޑީޕީން 49 މެންބަރުންގެ ސޮޔާއެކު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅި ގަރާރުގައި ބުނެފައި ވަނީ މަޖިލީހުގެ ރިޔާސަތުން މައްސަލަތައް ތާވަލުކުރުމުގައި އަމިއްލަ މަސްލަޙަތު އިސްކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ރައީސް ނަޝީދު މަޖިލީސް ހިންގަވަނީ ޤަވާއިދާ ޚިލާފަށް ކަމަށްވެސް އިތުބާރު ނެތްކަމަށް ބުނެ ހުށައެޅި ޤަރާރުގައިވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ އަމީން އާންމު ފާތިމަތު ނިޔުޝާ ސޮއި ކުރައްވައި މެންބަރުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވަނީ ރައީސް ނަޝީދުގެ އިތުބާޜު ނެތް ކަމުގެ މައްސަލަ މިމަހު 29 ވާ އާދިއްތަ ދުވަހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ކަމަށެވެ.

މަޖިލީހުގެ އިދާރާއިން މީގެ ކުރިން ބުނެފައިވަނީ އިތުބާރުނެތްކަމުގެ ގަރާރުގެ ނޯޓިސް، މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތަށް ރައީސް ނަޝީދަށާއި މަޖިލީހުގެ މެމްބަރުންނަށް މި މަހުގެ 12 ވަނަ ދުވަހު ފޮނުވާފައިވާ ކަމަށެވެ. އާންމު ކޮމެޓީން ނިންމާފައިވަނީ ރައީސް ނަޝީދުގެ އިތުބާރު ނެތް ކަމަށް ބުނެ ހުށަހަޅާފައިވާ ގަރާރަށް ބަހުސް ކުރާއިރު އެ މަނިކުފާނަށް ޖަވާބުދާރީވާން 30 މިނެޓުގެ ވަގުތުކޮޅެއް ދިނުމަށެވެ.

މަޖިލީހުގެ ރައީސްކަމުން ރައީސް ނަޝީދު ވަކިކުރުމުގެ މަސައްކަތް އަލުން ފަށާފައިވާއިރު، މީގެކުރިން މިދިޔަ ޖޫން މަހުގެ ތެރޭގައިވެސް ރައީސް ނަޝީދާއި ރައްޔިތުންގެ މަޖިލީހުގެ ނައިބް ރައީސް އީވާ އަބްދުﷲގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅިއެވެ. ނަމަވެސް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްގެ ތާއީދު ރައީސް ޞާލިޙަށް ހޯދުމަށް މަގުފަހިކުރުމަށްޓަކައި އެމްޑީޕީން ވަނީ އެ މައްސަލަތައް އަނބުރާ ގެންގޮސްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން