ފުޓްބޯޅަ އެސޯސިއޭޝަން, އެފްއޭއެމަށް އެކި ފަރާތްތަކުން ދޭ ފަންޑާއި އެހީގެ ފައިސާ، އެފްއޭއެމްގެ ބައެއް ވެރިންނާއި ބައެއް ކުންފުނިތަކުގެ އެކައުންޓުތަކަށް ފޮނުވާކަން ހާމަވެއްޖެއެވެ.

ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ މާލީ މުއާމަލާތްތަކާ ގުޅޭ ޖިނާޢީ ތަޙުޤީޤަކަށް ބޭނުންވާ ހެކި ހޯދުމަށް ފުލުހުން އެ އިދާރާއަށް ވަދެ މިއަދު ވަނީ ފާސްކޮށްފައެވެ.

އެފްއޭއެމްގެ މާލީ މުއާމަލާތްތަކާއި ގުޅޭ ތަޙުޤީޤެއް ފުލުހުން ފަށާފައިވަނީ ބައިނަލްއަޤުވާމީ ފުޓްބޯޅަ އިދާރާތަކުން އެފްއޭއެމަށް ފޮނުވާ ފައިސާ، އަމިއްލަ މީސްމީހުންގެ އެކައުންޓުތަކަށް ފޮނުވައި، މަނީ ލޯންޑަރިން އާއި ޚިޔާނާތަށް ތުހުމަތުކުރެވޭ ކަންތައްތަކެއް ހިންގާ ކަމަށް ތުހުމަތުކުރެވިގެން ޕްރޮސިކިއުޓަރ ޖެނެރަލްގެ އަމުރަކަށެވެ.

"ރަސް އޮންލައިން"އަށް މައުލޫމާތު ލިިބިފައިވާ ގޮތުގައި އެފްއޭއެމްގެ އެކައުންޓަށް ޖަމާވާ ގިނަ އަދަދެއްގެ ފައިސާ އަމިއްލަ އެކި އެކައުންޓްތަކަށް ފޮނުވައި އެއަށް ހިޔާނާތްތެރިވެ އިތުރު ކުށުގެ އަމަލުތައް ހިންގާކަމަށް ފުލުހުންނަށް ވަނީ ތުހުމަތުކުރެވިފައެވެ.

އެފްއޭއެމަށް ޑޮލަރުން ލިބޭ ފައިސާ އެތަނުގެ ވެރިންނާ ގާތް ގުޅުމެއް އޮންނަ މީހެއްގެ ކުންފުންޏެއްގެ އެކައުންޓަށްވެސް ފޮނުވާފައި ހުންނަކަމާއި އެހެން ފޮނުވާ ފައިސާގެ ބަދަލުގައި އެފްއޭއެމަށް ފައިސާ ލިބިފައި ނުހުންނަކަން ވެސް ތަހުގީގަށް އެނގިފައިވާކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް މި މައްސަލައިގައި އެފްއޭއެމްއާއި ފުލުހުން އަދި ޕީޖީންވެސް ރަސްމީކޮށް ވާހަކައެއް ނުދައްކައެވެ.

އެފްއޭއެމަށް ފުލުހުން ވަނުމަކީ ސީރިއަސް ކަމެކެވެ. މީގެކުރިން ފުޓްބޯޅަ އެސޯސިއޭޝަން ހިންގާ އޮފީހަށް އެހެން މުއައްސަސާތަކުން ވަނުމުން އިންޑިއާ، ސްރީ ލަންކާ އަދި ޕާކިސްތާނުގެ ފުޓްބޯޅަ ފެޑެރޭޝަން ވަނީ ސަސްޕެންޑްކޮށްފައެވެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން