މޯލްޑިވްސް ރިފޯމް މޫމެންޓް (އެމްއާރްއެމް) އުވައިލަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި އެ ޕާޓީން ކޯޓަށް ހުށަހެޅި މައްސަލައިގައި އެކޮމިޝަނާއި ދެކޮޅަށް ހެކި ހުށައަޅަން އެމްއާރްއެމަށް ފުރުސަތު ދީފިއެވެ.

ސިޔާސީ ޕާޓީއެއްގައި މަދުވެގެން ތިބެން ޖެހޭ 3،000 މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވައިލަން އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލުކޮށްދިނުމަށް އެދި އެ ޕާޓީން ވަނީ ސިވިލްކޯޓަށް މައްސަލަ އެއް ހުށައަޅާފައެެވެ. އެމައްސަލައިގެ އަޑުއެހުމެއް ސިވިލް ކޯޓުގައި މިއަދު ވަނީ ކުރިއަށް ގެންގޮސްފައެވެ.

އެގޮތުން ސިވިލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔަ އެމައްސަލައިގެ އިބްތިދާއީ އަޑުއެހުމުގައި އިލެކްޝަން ކޮމިޝަނާއި ދެކޮޅަށް ހެކި ހުށައެޅުމަށް އެމްއާރުއެމަށް ވަނީ 14 ދުވަހުގެ މުއްދަތެއް ދީފައެވެ. ސިވިލް ކޯޓުން މިއަދު ވަނީ އެމްއާރްއެމުން އެދިފައިވާ ގޮތަށް ވީހާވެސް އަވަހަކަށް މައްސަލަ ކުރިއަށް ގެންދަން ނިންމާފައެވެ.

ޤާނޫނުގައި ބުނާ 3000 މެމްބަރުން ހަމަނުވާތީ އެމްއާރްއެމް އުވާލަން އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެެ. އެ ނިންމުން ބާތިލުކުރުމަށް އެދި އެޕާޓީން ސިވިލް ކޯޓަށް ހުށައަޅާފައިވަނީ މިދިޔަ ޖޫން މަހުގެ 22ވަނަ ދުވަހުއެވެ.

އެމްއާރުއެމުން ބުނެފައިވާގޮތުގައި އެޕާޓީ އުވާލަން އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ 3،000 މެމްބަރުން ހަމަކުރުމަށް ދިން މުއްދަތުގައި އެ އަދަދަށް އެ ޕާޓީން ފޯމް ވެސް ހުށައަޅާފައި ވަނިކޮށެވެ.

އެމްއާރުއެމް އަކީ ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމް އިސްވެ ހުންނަވައި އުފެއްދެވި ޕާޓީއެކެެވެެ.


ކިޔުންތެރިންގެ ހިޔާލު



ޓްރެންޑިން